ފަލަސްޠީންގެ ޕެލޭ ޝަހީދުކޮށްލުމާއި ގުޅިގެން ސަލާޙުގެ ސުވާލު ޔުއޭފާއަށް
9 އޯގަސްޓު 2025 - 18:10
.png&w=3840&q=75)
ފަލަސްތީނުގެ ފުޓްބޯޅަ ތަރި ސުލައިމާން އަލް-އޮބައިދުގެ ނުވަތަ ފަލަސްޠީން ޕެލޭގެ މަރާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަކުރުމަށް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ޔުއެފާއަށް ގޮވާލައިފިއެވެ.
ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ބުނާ ގޮތުގައި "ފަލަސްތީނުގެ ޕެލޭ" ގެ ނަމުން މަޝްހޫރުވެފައިވާ ސުލައިމާން އަލް-އޮބައިދު ވަނީ އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ހުއްޓައި އިސްރާއީލު ސިފައިން ހަމަލާދީ ޝަހީދުކޮށްލާފައެވެ. އޭނާ މަރުވިއިރު އުމުރުން 41 އަހަރެވެ. އޭނާ ޝަހީދުވިއިރު އަނބިމީހާއާއި 5 ދަރިން ދުނިޔޭގައި ތިބިއެވެ.

Ad by Hajj Corporation
ޔުއެފާއިން ހުކުރު ދުވަހު އެކްސްގައި ސުލައިމާންއަށް ޓްރިބިއުޓެއް ދެމުން ބުނެފައިވަނީ "އެންމެ އަނދިރި ވަގުތުތަކުގައިވެސް އެތައް ކުދިންނަކަށް އުއްމީދު ދިން ހުނަރުވެރި ކުޅުންތެރިއަކަށް ވަދާއު ކިޔަމޭ" މިހެންނެވެ. މި ޕޯސްޓް ރީޕޯސްޓް ކުރަމުން ސަލާހު ވަނީ "އޭނާ މަރުވީ ކިހިނެއްތޯ، ކޮންތާކުތޯ، އަދި ކީއްވެތޯ އަހަމެންނަށް ކިޔައިދެވިދާނެތޯ؟" މިހެން ސުވާލުކޮށްފައެވެ.
ސުލައިމާން އަލް-އޮބައިދަކީ ފަލަސްތީނުގެ ގައުމީ ޓީމަށް 24 މެޗު ކުޅެ، 2 ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ ވެސްޓް އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން ޗެމްޕިއަންޝިޕްގައި ޔަމަނާ ދެކޮޅަށް ޖެހި ސިޒާސް ކިކް ފާހަގަކޮށްލެވެއެވެ. އޭނާގެ ކުލަބު ކެރިއަރގައި 100 އަށް ވުރެ ގިނަ ލަނޑު ޖަހާފައިވާ އިރު، 2015-16 އަދި 2016-17 ސީޒަންގައި ވަނީ ޓޮޕް ސްކޯރަރގެ މަގާމު ހޯދާފައެވެ.
ޕީއެފްއޭ އިން ބުނާ ގޮތުގައި މިހާތަނަށް ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި 662 މީހުން ވަނީމަރާލާފައެވެ. އޭގެ ތެރޭގައި 321 މީހުންނަކީ ފުޓްބޯޅައާ ގުޅުން ހުރި ފަރާތްތަކެވެ. މިއީ ގާޒާގައި މިހާރު ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ހާލަތާ ގުޅިގެން އިންސާނީ އެހީ ހޯދަން އުޅުނު މީހުންނަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން ބައެކެވެ.