މާނޭގެ ގޯލާއެކު ސެމީއިން މިޞްރު ކަޓައި ސަލާޙުގެ އިންޓަނޭޝަނަލް ލެގަސީއާމެދު ސުވާލުއުފައްދާ މީހުންގެ އަޑުގަދަވާން ފަށައިފި
15 ޖެނުއަރީ 2026 - 03:00

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުގައި މިޞްރުގެ މައްޗަށް 1-0 އިން ކުރިހޯދައި ސެނެގާލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މޮރޮކޯގައި ކުޅުނު މި މެޗުގައި ސެނެގާލަށް މޮޅުކޮށްދިން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ވިންގަރ ސާޑިއޯ މާނޭއެވެ.
މި މެޗަކީ 2021 ވަނަ އަހަރުގެ އެފްކޯން ފައިނަލުގެ ތަކުރާރުވުމެކެވެ. އެ ފަހަރުވެސް މިޞްރު ބަލިކޮށް ތަށި އުފުލާލި ސެނެގާލުން މިފަހަރުވެސް ވަނީ އެ ނަތީޖާ ތަކުރާރުކޮށްފައެވެ. މީގެ އިތުރުން މިއީ ލިވަޕޫލްގެ ކުރީގެ ދެ އެކުވެރިން ކަމަށްވާ މާނޭ އާއި މުޙައްމަދު ޞަލާޙް 2022 ވަނަ އަހަރު މާނޭ ލިވަޕޫލް ދޫކޮށްލި ފަހުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މި ކުރިމަތިލުމުގައިވެސް ކުރިހޯދީ މާނޭއެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ކަލިދޫ ކުލިބާލީއަށް އަނިޔާވެގެން ބާލަން ޖެހުމުން ބޮޑު ގޮންޖެހުމަކާ ކުރިމަތިވިއެވެ. ނިކޮލަސް ޖެކްސަން އާއި ޕާޕޭ ގޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ސެނެގާލުން މިޞްރުގެ ޑިފެންސް ފޫއަޅުވާލީ މެޗުގެ 78 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ލިބުނު ބޯޅައެއް މާނޭ ވަނީ ވަރަށް ބާރުގަދަ ހަމަލާއަކުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފައެވެ. މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރުމަށް މިޞްރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސެނެގާލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މިއީ ފާއިތުވި ތިން މުބާރާތުގެ ތެރޭގައި ސެނެގާލުން ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އަދި މިއީ އެޓީމުގެ ތާރީޚުގައި އެފްކޯން ފައިނަލުގައި ކުޅޭ ހަތްވަނަ ފަހަރެވެ. މިއާއެކު ޕްރީމިއަރ ލީގު އަދި ލިވަޕޫލުގެ ލެޖެންޑް ސަލާޙު އަށް އަނެއްކާވެސް މިވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ އެފްކޮން ކާމިޔާބުކުރަން އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ. އެގޮތުން ފާއިިތުވެދިޔަ ފަސް މުބާރާތުގައި ދެފަހަރު މިޞްރު ފައިނަލު ކުޅެފައިވާއިރު އަނެއް ތިންފަހަރު ވަނީ ނޮކް އައުޓް ބުރުން ކަޓާފައެވެ. މިއާއެކު މިޞްރުގައި މިހާތަނަށް އުފެދުނު އެންމެ މޮޅުކުޅުންތެރިޔާގެ ލެގަސީ އާއިމެދު ސުވާލުކުރާ މީހުންގެ އަޑުތައް ވަނީ އަނެއްކާވެސް ގަދަވާން ފަށާފައެވެ.


