އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް އެމްއެމްއޭ އިން 15 ސްކޮލަރޝިޕް ދީފި

10 އޯގަސްޓު 2025 - 19:13

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްކޮލަރޝިޕް ދީފިއެވެ.
މި ސްކޮލަރޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އާދީއްތަ ދުވަހު އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

Ad by Hajj Corporation
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަރސިޓީގެ އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޖުމްލަ 15 ސްކޮލަރޝިޕްގެ ތެރެއިން 5 ސްކޮލަރޝިޕަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕް ކަމަށްވާއިރު، އަނެއް 10 ސްކޮލަރޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލަރޝިޕެވެ.
އެމްއެމްއޭއިން ބުނިގޮތުގައި އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީޢާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ ޢިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކޯހަކީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެ.