ރައީސް މައުމޫނަށްފަހު ކަމަދުއަށް ވަޑައިގެންނެވީ ރައީސަކަށް ޑރ. މުޢިއްޒު ، ކަމަދުއަށް ތާރީހީ ދުވަހެއް
11 އޯގަސްޓު 2025 - 06:08

ބ. ކަމަދޫ ތަރައްގީގެ ފުލުގައި އޮތްއޮތުން ނިމުމަކަށް ގެނެސް ހަމަހަމަ ތަރައްގީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ވަޑައިގެން، ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް އިޚުތިޔާރުކުރެއްވީ ކަމަދޫއެވެ.

Ad by Hajj Corporation
އެރަށަށް ވަޑައިގެން ރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކޮށްފައި ހުރި އޭޓީއެމް އިފްތިތާހުކޮށްދެއްވައި ރަށުގެ ރައްޔިތުންނަށް އުންމީދުތަކެއް ގެނުވާ ދެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ.
އެއަށްފަހު ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް ކުރަންހުރި ކަންކަމުގެ ތަފްސީލް ރައީސްވަނީ ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ކަމަދުއަށް ސިއްހީ ހިދުމަތުގެ ކުރިއެރުން މުހިންމުކަމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ސިއްހީ ހިދުމަތް ތަރައްްގީކުރުން މުހިންމުވެފައިވާތީ ވަރަށް އަވަހަށް ސިއްހި މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރެވޭނެކަމަށެވެ.
ކުރިއަށް އޮތް މަދު ދުވަސްކޮޅެއްތެރޭ ސިއްޙީ މަރުކަޒުގެ ވަސީލަތް އިތުރުކޮށް އަދި ޖާގަ ގޮތުން އޮތް މައްސަލަ ހައްލުކޮށް، ސިއްހީ ހިދުމަތް 16 ގަޑިއިރަށް ހިދުމަތްދިނުމާއެކު މުޅި މައްސަލައަށް ހައްލު ހޯދައިދޭނަން. އަންނަ ސެޕްޓެމްބަރު މަހު ބަޔަކާއެކު ސޮއިކޮށް، ދެމަހެއްހާ ދުވަސްތެރޭ މޮބަލައިޒްކޮށް، ބަޔަކާ ހަވާލުކޮށް މިއަހަރު ނިމުމުގެ ކުރިން މަޝްރޫއު ފެށޭނެ :
މި ބައްދަލު ކުރެއްވުމުގައި، ކުޅިވަރުގެ ދާއިރާއިން އެރަށަށް ވައުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުޅިވަރުގެ ވަސީލަތް އިމްކުރުމަށް ބޭނުންވާ ތަކެތި ގެނައުން އެސްޓީއޯއާ ހަވާލުކޮށްފައިވާކަމަށެވެ. މިއާއެކު ޓާފް ގެނެވުނުހާއަވަހަށް ފުޓުބޯޅަ ދަނޑު އެޅި ކުޅިވަރުގެ ވައުދުތައް ފުއްދާދެއްވާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ކަމަދޫގެ މަގު ހެދުމަށް ނިންމާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ރަށަކަށް ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުން މުހިންމު ނޫންކަމަށާއި، ހާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށަށް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުހެދުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކަމަދޫގެ ރައްޔިތުން ބޭނުންވަނީ ރަނގަޅަށް ފެންހިންދޭގޮތަށް މަގުތައް ބޭނުންކަމަށްވާތީ އެގޮތަށް އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުން ބޭނުންވާގޮތަށް އަދި ކުރިއެރުން އަންނާނެގޮތަށް މަގުހެދުން ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެރަށު ބަނދަރުގެ މައްސަލަތައް ހައްލުކުރުން ކުރިއަދާނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުންވެސް ވަރަށް އަވަހަށް ކުރިއަށްގެންގފޮސް ނިންމާދޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނީ ތަރުތީބުންކަމަށާއި، ކުރިއަށްދާނެގޮތް ރާވާފައިވާކަަމަށްވެސް އެ މަނިކުފަނު ވިދާޅުވިއެވެ. މިގޮތުން ކަމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް މަޝްރޫއުތައް ފުރިހަމައަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ވާހަކަފުޅު ނިންމާލަމުން ކަމަދޫގެ އިޤްތިސާދީ ތަރައްގީއަށް ވަރަށް ބޮޑު ސަމާލުކަމެއްދޭކަމަށް ވިދާޅުވެ ރައީސް ވަނީ، މީގެކުރިން އެއަތޮޅުގެ ތަރައްގީގެ ލިސްޓުގައި ކަމަދޫ އޮންނަނީ ފަހަތުގައިކަން ފާހަގަކުރައްވައި، އެ ތަފާތުކުރުން ނައްތާލައި ކަމަދުއަށް ހަމަހަމަ ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވާފައެވެ.


