ލާމާރުކަޒީ ޤާނޫނުގެ އިސްލާޙުގައި ބުނީ ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ކައުންސިލުން ނުވަންނާށޭ: ރައީސް
.jpg&w=96&q=75)
11 އޯގަސްޓު 2025 - 11:47

ހުސްވި ހަފުތާގައި ލާމާރުކަޒީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާޙުގައި ބުނީ ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ކައުންސިލުތަކުގެ އޮތޯރިޓީ ވިޔަފާރިތައް ނުވަންނާށޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައިސް އެފަދައިން ވިދާޅުވީ، ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
އެގޮތުން މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އިސްލާޙަކީ ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވުނު މުހިންމު އިސްލާޙެއް ކަމަށެވެ. އަދި ރާއްޖޭގެ ބައެއް ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުން ސަރުކާރުން ދޭ ބްލޮކް ގްރާންޓާއި އޮންނަ އުސޫލުގެ ތެރެއިން އެ ކައުންސިލަކުން ހޯދާ ފައިސާ ވެސް، "ތަޖުރިބާގެ ދަތުރު"ގެ ނަމުގައި އެ އަތޮޅަކަށް ނުވަތަ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ފަދަ ގޮތްގޮތަށް ޚަރަދުކުރާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެ އިސްލާޙަކީ އެފަދަ ކައުންސިލުތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް އަދި އަމިއްލައަށް ހޯދާ ޢާމްދަނީ ވެސް ޒިންމާދާރު ގޮތުގައި އިޚްލާސްތެރިކޮށް ޚަރަދުކުރުމާއެކު، އެ ރަށްތަކަށް ބޭނުންވާ ޚިދުމަތްތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ގެނެވުނު އިސްލާޙެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާލެއްގައި އުޅެވިފައި ހުރި މީހެއް އަޅުގަނޑަކީ. އެހެންވީމާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ވާންވީ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭ. އަދި ބައެއް ކައުންސިލުތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓު ގޮތުގައި ދޭ ފައިސާ އާއި އާމްދަނީގެ ގޮތުގައި އެ އޮންނަ އުސޫލުގެ ތެރެއިން ހޯދާ ފައިސާ ވެސް ބޭނުންކުރާ ގޮތް އެބަފެނޭ، އަޅުގަނޑަށް އިނގޭ. އެބަދޭ، މިރަށާ ބެހޭ މި ރަށާ ގުޅުމެއް ވެސް އޮތް ވާހަކައެއް ނޫން އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލާ ޖަލްސާއެއް ވީމާ ދަންނަވާލަނީ މި މައުޟޫގެ ތެރެއިން ވާހަކަ ދެއްކޭތީ. މުޅި ކައުންސިލު އޮތް ގޮތަށް، ރަށު ކައުންސިލު އެކަންޏެއް ނޫން އަތޮޅު ކައުންސިލުތައް ވެސް މުޅި ކައުންސިލު އޮތް ގޮތަށް "ތަޖުރިބާގެ ދަތުރު" ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނުވަތަ އަތޮޅަކަށް ފައިދާނުވާނެ ފައިދާ ނުހޯދޭނެ ތަންތަނަށް ޤައުމުތަކަށް އެބަދޭ ބްލޮކް ގްރާންޓު ގޮތުގައި ދޭ ފައިސާ ބޭނުންކޮށްގެން ނުވަތަ އާމްދަނީގެ ގޮތުގައި ތި ހޯއްދަވާ ފައިސާ ބޭނުންކޮށްގެން ބައެއް ކައުންސިލުތަކުން. އެއީ ޒިންމާދާރު ގޮތެއް ނޫން. ކައުންސިލުތަކަށް ބްލޮކް ގްރާންޓް މި ދެނީ، އަދި ޤާނޫނުން ފުރުސަތު ދީގެން ޢާމްދަނީ ހޯދަން ފުރުސަތު މި ދެނީ ރަށުގައި ކުރަން ހުންނަ މުނިސިޕަލް ޚިދުމަތް ކުރަން. އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓްކުރަންށާއި އެކި ކަންކަމަށް ޢާމްދަނީ ހޯދަން، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެއަށް ވުރެ ސީރިއަސް، ރައްޔިތުންނަށް މުހިންމު ނިޒާމެއް ކަމަށާއި، އެ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރަން ވާނީ ޒިންމާދާރުކަމާ އެކީގައި ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނުގައި ކައުންސިލުތަކުގެ ޒިންމާތައް ބަޔާންކޮށްފައިވާއިރު، އެ ޒިންމާތައް އަދާނުކުރާ ކައުންސިލުތައް ވެސް އެބަހުރި ކަމަށާއި، ބައެއް ކައުންސިލުތައް ކަންތައްތައް ކުރަނީ ބޭކާރު ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބައެއް ކައުންސިލުތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން ރައްޔިތުންގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށާއި، އެ އިސްލާޙުން ބުނަނީ ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ކައުންސިލުތަކުގެ އޮތޯރިޓީ ވިޔަފާރިތައް ނުވަދެ، އެއަށް ވުރެ ބޮޑެތި ވިޔަފާރިތަށް ކުރާށޭ ކަމަށެވެ.
މިކަންކަން ހަމަ މަގަށް އެޅުވުމަކީ މިކަންކަމަށް އޮންނަ، ނުގަވާއިދުން ފައިސާ ބޭނުންކުރަން އޮންނަ މަގުތައް ބަންދުކޮށް ސީދާ ރައްޔިތުން ބާރުވެރިކުރުވުމަކީ ޙަޤީގަތުގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަންކުރުމަކީ. އެހެންވީމާ އަޅުގަނޑުމެން ލޯކަލް އޮތޯރިޓީ ބައެއް ކުންފުނިތައް ކައުންސިލުތަކުން ހަދައިގެން ބައެއް ރަށްރަށުގައި ކުދި ކުދި ވިޔަފާރިތައް ޢާންމުން ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކަށް އެކުންފުނިތަކަށް ވަންނަ ވަނުން ހުއްޓުވަން މި އުޅެނީ. ރައްޔިތުން ބާރުވެރިކުރަން. ކިހިނެއް މި ވަނީ. ލޯކަލް އޮތޯރިޓީ ކުންފުނި ކައުންސިލުން ހަދައިގެން އެއްކަލަ ޢާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނީމާ ކިހިނެއް އެ ރައްޔިތުންނަށް ވާނީ. އެ ރައްޔިތުންގެ ވިޔަފާރި ގެއްލެނީ. އެހެންވީމާ ޢާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރި ތެރެއަށް ކައުންސިލުގެ ކުންފުނި ނުވަންނަ ގޮތަށް މި ބަދަލުކުރަނީ. އެއަށް ވުރެ ފުޅާ ބޮޑެތި ވިޔަފާރިތައް ކައުންސިލުގެ ކުންފުނިން ކުރަންވީ. އެއީ މިގެނައި އިސްލާޙަކީ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަނީ ޙަޤީގީ މާނަިއިގައި ރައްޔިތުން ބާރުވެރިކުރުމަށާއި، ލާމަރުކަޒީ ނިޒާމް ޗެމްޕިއަންކުރުމަށެވެ. އަދި މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންނާ އެކީގައި ކަމަށާއި، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.