ހެއްކާއެކު މުބީންގެ ރައްދު: ދައުރުވަމުންދާ ނޫޓުތަކަކީ އިގްތިސާދަށް ފައިސާ އިތުރުކުރުން ކަމުގައި ނުބެލެވޭނެ
12 އޯގަސްޓު 2025 - 09:04
.jpg&w=3840&q=75)
ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓަކީ އިގްތިސާދަށް ފައިސާ އިތުރުކުރުން ކަމުގައި ނުބެލެވޭނެކަމަށާއި އައު ސަރުކާރު އައިފަހުން މަރުކަޒީ ބޭންކު- އެމްއެމްއޭގެ ޖުމްލަ ފައިސާގެ ސަޕްލައި އިތުރު ކުރުމަށް ފައިސާ ޗާޕުކޮށްފައިނުވާކަމަށް ވިދާޅުވެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.
މި ސަރުކާރުން ފައިސާ ޗާޕުކޮށް އިގްތިސާދަށް އެ ފައިސާ ވައްދާކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ވާހަތައް ފަތުރަމުން އަންނައިރު އަލަށް ޗާޕްކޮށްފައިވާކަމަށް ބުނާ ނޫޓުތަކުގެ ފޮޓޯތަކެއްވެސް ސޯޝަލްމީޑިއާގައި ދައުރުވެފައިވެއެވެ.

Ad by Hajj Corporation
މި ވާހަކަތަކަށް ރައްދުދެއްވައި ކުރީގެ މެމްބަރު މުބީން ވަނީ މަރުކަޒީ ބޭންކުތަކުން ފައިސާ ޗާޕް ކުރުމުގައި ދެގޮތަކަށް އަމަލުކުރާކަމަށް ވިދާޅުވެފައެވެ.
ގިނަ ފަހަރަށް އިގްތިސާދު ހީވާގި ކުރުމަށް ނުވަތަ ސަރުކާރުގެ ހަރަދުތަކަށް ފައިނޭންސް ކުރުމަށްޓަކައި ފައިސާ ޗާޕުކޮށް އާންމުކޮށް މަރުކަޒީ ބޭންކަކުން ޖުމްލަ ފައިސާގެ ސަޕްލައި އިތުރުކުރާކަމަށް މުބީން ވިދާޅުވިއެވެ. ގިނަފަހަރަށް މިގޮތަށް ޕްރިންޓްކުރާނީ ބޮޑެތި އަދަދުތަކުންކަމަށް ވިދާޅުވެ މުބީންވަނީ ކުރިގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ޕްރިންޓްކޮށް މަރުކަޒީ ބޭންކުން ރާއްޖޭގެ އިޤްތިޞާދަށް ނެރުނު 3.8 ބިލިއަން ރުފިޔާއަކީ މިގޮތަށް ނެރެވުނު ފައިސާކަން ފާހަގަކުރައްވާފައެެވެ.
މަރުކަޒީ ބޭންކުތަކުން ފައިސާ ޗާޕުކުރާ ދެވަނަ ގޮތަކީ، ދުވަސްވެ ބައުވުމުގެ ސަބަބުން ހަލާކުވާ ނޫޓު ބަދަލުކުރުމަށް ފައިސާ ޗާޕުކުރުންކަމަށާއި މިގޮތަށް ޗާޕްކުރާއިރު އެންމެ ބޮޑު އަމާޒުކަށް ވެފައިއޮންނާނި ހަލާކުވެފައިވާ ނޫޓު ބަދަލުކޮށްގެން މިހާރު ހުރި ފައިސާގެ ފެންވަރު ދެމެހެއްޓުމަށްކަމަށް މުބީން ވިދާޅުވިއެވެ. މިގޮތަށް ފައިސާ ޗާޕްކުރެވޭނީ ކުދި އަދަދުތަކުންކަން ފާހަގަކުރައްވައި މިބާވަތުގެ ޕްރިންޓިންގައި ޕްރިންޓްކުރާނީ އެވްރެޖްކޮށް އަހަރެއްގެމައްޗަށް ހަލާކުވާ ނޫޓްގެ އަދަދު ބެލުމަށްފަހު އެއަދަދަކަށްކަމަށް މުބީން ވިދާޅުވިއެެވެ.
އެހެންކަމުން މިސަރުކާރު އައިފަހުން މިއިން އެއްވެސްގޮތަކަށް މަރުކަޒީ ބޭންކުގެ ޖުމްލަ ފައިސާގެ ސަޕްލައި އިތުރު ކުރުމަކަށް ފައިސާއެއް ޗާޕުކޮށްފައިނުވާކަމަށް މުބީންވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މީގައި ވިސްނާލަންވީ ކަމަކީ ޗާޕުކުރުމޭ ބުނާ ބަސް މާނަކުރާ ގޮތެވެ. އެއްޗެއް ހަލާކުވެގެން އޭގެ ބަދަލުގައި އައު އެއްޗެއް ނެރުމަކީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވާނެ ސަބަބެއް ނޫނެވެ."އިގުތިސާދުގައި މިހާރު ދައުރުވާ ފައިސާގެ ތެރެއަށް އިތުރުކުރާނަމަ އެއީ އާންމުކޮށް ސިޔާސީ ފަރާތްތަކުން މި ބޭނުންކުރާ މާނާގައި ފައިސާ ޗާޕުކުރުމެވެ - ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން
މުބީން ވިދާޅުވީ ހެކިތަކުގެ މައްޗަށް ބިނާކޮށް މިހާރު ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓަކީ އިގްތިސާދަށް ފައިސާ އިތުރުކުރުން ކަމުގައި ނުބެލެވޭނެކަމަށާއި އެމްއެމްއޭ އިން ޖަނަވަރީ 2024ގައި ކޮށްފައިވާ އިއުލާނުން ވެސް މިކަން ސާފުވާކަމަށެވެ.
ސަރުކާރުން ފައިސާ ޗާޕުކުރިކަމަށް އަޑުފެތުރޭއިރު ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުވަނީ ފައިސާ ޗާޕްކުރުމަކީ އިގްތިސާދެއްގެ ހަލާކުކަމަށާއި މި ސަރުކާރު މާލީ ހާލަތު ރަނގަޅުކުރަނީ ފައިސާ ޗާޕްނުކޮށްކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި މީގެ ގިނަ ކަންކަން ނުވެ އެހެރީ، އަޅުގަނޑުމެންނަށް އެކަމުގައި ކުރިއަށް ދެވޭނެ މަގުތައް، ބަޖެޓުގެ ތެރެއިންނާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހުނު މަސައްކަތުގެ ތެރެއިން ފަހިނުވެ ދިޔައިމަ. އެއީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިދިޔަ އަހަރު ތެރޭގައި ހަމަ ގާތްގަނޑަކަށް އެކަން އެހެންވީ. ނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ފައިސާ ޗާޕްނުކޮށް، ބޭރުގެ އެއްވެސް ތަނަކަށް އޮތް ދަރަންޏަކަށް ޑިފޯލްޓްނުވެ، ގައުމުގެ އިގްތިސާދު ރަނގަޅުކުރަމުން މި އަންނަނީ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިގްތިސާދީ ވިސްނުމެއްގައި ވިސްނާއިރު، ފައިސާ ޗާޕު ކުރުމުން ދިމާވާ މައްސަލަތައް ގިނަވެފައި ހައްލެއް ލިބެނީ ކުރު މުއްދަތަކަށެވެ.
އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު ބޮޑުވުމާއި ފައިސާގެ އަގު ވެއްޓުމަކީ، ފައިސާ ޗާޕު ކުރުމުން ގައުމަކުން ތަޖުރިބާ ކުރަންޖެހޭ ނުރަނގަޅު ބައެއް ކަންކަމެވެ.
ކޮންމެހެން އެކަން ކުރަންޖެހޭ ހާލަތެއްގައި އެކަނި، އިގްތިސާދަށް އެ ބަރު ނެގޭނެ ގޮތަކަށް މެނުވީ، ފައިސާ ޗާޕު ކުރުމަކީ، ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން ލަފާދެއްވައެވެ.