ފުޓްބޯޅަ ދިރުވައި ފުޓްބޯޅައިގެ އައު ޖީލެއް ބިނާކުރުމަށް ނިއުއަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!
5 ޖެނުއަރީ 2026 - 08:24

ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމަށް ސްޕެއިންގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއްކަމަށްވާ ފްރެންސިސްކޯ މެނުއަލް ކައިންޒޯސް ޕަލްމޭރޯ، ނުވަތަ އާންމު ނަމުން ނަމަ ފްރޭން ކައިންޒޯސް ހަމަޖައްސައިފިއެވެ.
ފްރޭން ކައިންޒޯސް އަކީ ސްޕެއިންގެ ރިޓަޔަރޑް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ އުފަންވީ 12 ޖުލައި 1973 ގައި ބާސެލޯނާ އަށެވެ.

Ad by Hajj Corporation
ކެރިއަރުގައި މައިގަނޑު ގޮތެއްގައި ޑިފެންޑަރެއްގެ (ލެފްޓް ބެކް) މަގާމަށްކުޅެ، ގިނަ ތަޖުރިބާތަކަކާއި އަދި އެކި ނަން މަޝްހޫރު އެކަޑަމީތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފްރޭން ކައިންޒޯސް، ނިއުގެ މަގާމަށް ހަމަޖެއްސިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެ ކްލަބްގެ ޗެއާމަން އަހްމަދު މުބީނާއި، އެ ކްލަބްގެ މެނޭޖަރ އަދި ވައިސް ޗެއަރމަން މުޖުތަބާ ޖަލީލު (މުޖޭ) އެވެ.
މީގެ ކުރިން ހަތް ވަރަކަށް މަސްދުވަހު ރާއްޖޭގެ އެފްއޭއެމްގެ ކޯޗު ފެޑަރޭޝަންގައި ވެސް މަސައްކަތްކޮށްފައިވާ ފުޓްބޯޅައިގެ މި ތަޖުރިބާރު ވަނީ އޭނާ ނިސްބަތްވާ ސްޕެއިންގެ، އެންމެ މަތީ ފަންތީގެ ލީގުތައް ކަމަށްވާ ލަ ލީގާ އަދި ސެގުންޑާ ޑިވިޝަންގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ކުޅެފައެވެ.
އޭނާ ކުޅެފައިވާ ސްޕެއިންގެ ފާހަގަކޮށްލެވޭ ކްލަބްތަކުގެ ތެރެއިން، އޭނާ އެންމެ މަތީ ފަންތީގެ ލީގަށް ފުރަތަމަ ތައާރަފުވި ކްލަބަކީ އާރް.ސީ ސެލްޓާ ޑި ވީގޯއެވެ. އަދި އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި އެންމެ ގިނަ މެޗުތައް ކުޅެދީފައި ވަނީ ޔޫ.ޑީ ސަލަމަންކާ އަށެވެ. 2000-2001 ވަނަ ސީޒަނުގައި ސީ.ޑީ ޓެނެރީފޭ އަށް އޭނާ ކުޅެފައިވާއިރު، ގަލީޝިއާ ސަރަހައްދުގެ ދެ ކްލަބުކަމަށްޗާ އެސް.ޑީ ކޮމްޕޮސްޓެލާ އަދި ސީ.ޑީ އޮރެންސޭގައިވެސް އޭނާ ވަނީ މުހިންމު ދުވަސްތަކެއް ހޭދަކޮށްފައެވެ.
އޭނާގެ ކެރިއަރުގައި ވަނީ 1994 އިން 2007 އަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. އޭނާ ރަސްމީކޮށް ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔަރ ކުރީ 2007 ގައެވެ. އޭނާގެ ކެރިއަރުގައި ލެފްޓް ބެކެއްގެ ގޮތުގައި ދެއްކި އެއްވަރެއްގެ ކުޅުމަށާއި، ސްޕެއިންގެ ޕްރޮފެޝަނަލް ލީގުތަކުގައި ހޭދަކުރި ދިގު މުއްދަތަކީ އޭނާގެ ތަޖުރިބާގެ ތެރެއަށް ގުނިގެންދާ މުހިންމު ބައެކެވެ.
ކެރިއަރުގައި ބާސެލޯނާގެ ޔޫތު ލީގުގައި ވެސް ކުޅެފައިވާ ފްރޭން ކައިންޒޯސް ވަނީ ރާއްޖޭގެ އެފްއޭއެމްގެ ކޯޗު ފެޑަރޭޝަންގެ އިތުރުން ރިއާލް ބްރެސިލާ ފުޓްބޯޅަ ކްލަބްގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.
އޭނާ އަކީ ޔުއެފާގެ ޕްރޯ ލެވެލް3ގެ ކޯޗެކެވެ. އަދި މި ދާއިރާއިން ގިނަ ތަމްރީނުތަކެއް އޭނާ ވަނީ ފުރިހަމަކޮށްފައެވެ.
އައު ޓެކްނިކަލް ޑިރެކްޓަރާއި ގުޅޭގޮތުން ނިއުގެ ޗެއާމަން މުބީން ވިދާޅުވީ، އައު ޓެކްނިކަލް ޑިރެކްޓަރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ރާއްޖޭގައި ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމަށް ނިއުގެ އެކަޑަމީގެ ކަންކަން ވިލަރެސްކޮށް ހިންގުމެވެ.
ނިއުއަށް އައު ޓެކްނިކަލް ޑިރެކްޓަރެއް ހަމަޖެއްސިއިރު، އެ ޓީމަކީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން އަންނަ ކްލަބެވެ.


