ރަތްދޫލައިގެ މަރުޚަބާއާއެކު ދިއްދޫއިން ތާރީޚީ މެޗަށް ވަރަށް ބޮޑަށް ތައްޔާރު، ނިއުރޭޑިއަންޓް މެޗަށް ޚާއްސަ މެހެމާނުންތަކެއް ފެނިގެންދާނެ
8 އޮކްޓޯބަރު 2026 - 17:38
ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހއ. ދިއްދޫއަށް ދިއުމުން އެ ރަށުން އެ ޓީމަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މާލެއިން އުތުރުގައި ޕްރިމިއަރ ލީގުގެ މެޗެއް ކުޅޭ މިއީ ފުރަތަމަ ފަހަރަށް ވާއިރު، މިއީ ދިއްދޫގެ އިތުރުން މުޅި ބޮޑު ތިލަދުންމައްޗަށް ވެސް ލިބުނު ތާރީޚީ އަދި ފަޚުރުވެރި މުނާސަބަތެކެވެ.
މަރުހަބާގެ ގިޑިގެއާއި ގައުމީ އަދި ކުލަކުލައިގެ ދިދަތަކާއި އަލިތަކުން ޒީނަތްތެރިކޮށްފައިވާ ދިއްދޫ ބަނދަރަށް ނިއުގެ ޓީމު ލެފުމުން މަރުހަބާ ވިދާޅުވީ ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދާއި، ކައުންސިލްގެ މެންބަރުންނާއި ރަށުގެ އިސް ވެރިންނެވެ. ނިއު ރޭޑިއަންޓަށް މަރުހަބާ ކިއުމަށް ކުޑަކުދިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރަށް އެއްވެފައި އޮތްއިރު، ރަތްދޫލަ މައްޗަށް ފޭބި ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަކަށް މާބޮނޑިއެއް އެރުވިއެވެ. މީގެ އިތުރުން، ލީގުގައި ވާދަކުރާ 10 ޓީމުގެ ޖާޒީގައި ސްކޫލް ކުދިންގެ މަރުހަބާގެ ފަރި ނެށުމެއް ވެސް ވަނީ ހުށަހަޅައިދީފައެވެ. ރަސްމިއްޔާތަށްފަހު ގިނަ ބަޔަކު ވަނީ ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އެހެން ކުޅުންތެރިންނާއެކު ފޮޓޯ ނަގައިފައެވެ. ޓީމު ރަށުތެރެއަށް ދަތުރުކުރީ ފުލުހުންގެ މޮޓޯކޭޑާއެކު ހާއްސަ ބަސްތަކުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ތާރީޚީ މެޗުގެ އުފަލުގައި ބައިވެރިވުމަށް، ދިވެހި ކުޅިވަރާއި ފުޓުބޯޅައިގައި އެންމެ ވިދާލި ހާއްސަ ޝަހުސިއްޔަތުންތަކަކަށް ދިއްދޫ ސްޕޯޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަނީ ދައުވަތު ދެއްވައިފައެވެ. ދައުވަތު އެރުވި ބޭފުޅުންގެ ތެރޭގައި 1979 ގައި ނިއު ރޭޑިއަންޓް އުފެއްދެވި އެ ކްލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަނުންނާއި މަޝްހޫރު ކުޅިވަރު ނޫސްވެރިން ހިމެނެއެވެ.
މި ދަތުރުގައި ބައިވެރިވާ ޝަހުސިއްޔަތުންގެ ތެރޭގައި:
- ކުއީން އަހުމަދު ވަހީދު: އަމިއްލަ ޚަރަދުގައި ނިއު ރޭޑިއަންޓް ހިންގަވައި ހުރިހާ ތަށްޓެއް ކާމިޔާބުކޮށްދެއްވި މޭސްތިރި؛ ދޮށީ ދަރިކަލުން އަލީ އާޒިމް އެފްއޭއެމްގެ ރައީސްކަން އަދި އަނެއް ދަރިކަލުން މޯހަން ގައުމީ ޓީމަށް ކޯޗުކަން ކުރެއްވި.
- އިބްރާހީމް އިސްމާއީލް: ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ކެޕްޓަން (1979 ގެ އައިއޯއައިޖީ)؛ ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ، ރެފްރީ، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަދި އެމްއޯސީގެ ކުރީގެ ރައީސް.
- މޫސާ މަނިކު (ކުޑަމޫސަ): 20 ވަނަ ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު؛ ގައުމީ ޓީމާއި ނިއު އަދި ވެލެންސިއާގެ ކުރީގެ ކެޕްޓަން އަދި ކޯޗެއްގެ ގޮތުން ހުރާ ޓީމަށް ބޮޑެތި ކާމިޔާބީތައް ހޯދައިދެއްވި ލެޖެންޑް.
- އަލީ ސުޒޭން: މުސާރައަށް ކްލަބް ބަދަލުކުރި ފުރަތަމަ ކުޅުންތެރިޔާ، ގިނަ ކްލަބްތަކަކަށް ކާމިޔާބީ ހޯދައިދިން އަދި ގައުމީ ޓީމާ ހަވާލުވި ފުރަތަމަ ދިވެހި ކޯޗު.
- މައުރޫފް އަހުމަދު (މާއްޓޭ): ޒަމާނީ ގޯލްކީޕިން ރާއްޖެއަށް ތައާރަފުކުރި ގައުމީ ޓީމުގެ ކުރީގެ ކީޕަރު؛ ވިކްޓްރީއާއެކު ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ގައުމީ ތަށި މިލްކުކުރި ތަޖުރިބާކާރެއް.
- އިބްރާހީމް ރަޝީދު (އަންދަރޭ): 20 އަހަރު މަތީ ފެންވަރުގައި ކުޅުނު އަހުލާގު ރަނގަޅު ޑިފެންޑަރު؛ ރާއްޖެއިން ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދިއިރުގެ ގައުމީ ކެޕްޓަން އަދި ކްރިކެޓް ލެޖެންޑެއް.
ދިއްދޫ ފުޓުބޯޅަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭ މި މެޗަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ ފޯރިގަދަ އަދި މުހިންމު ކުރިމަތިލުމަކަށް ވެގެންދާނެއެވެ.

-01.jpg&w=3840&q=75)
