ނިއުރޭޑިއަންޓްގެ ކޯޗިން ސްޓާފަށް ދިން ނުރައްކާތެރި ހަމަލާ އިތުރަށް ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފި
18 ސެޕްޓެމްބަރު 2026 - 03:01

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި ފޯރިގަދަ މެޗުގެ ތެރެއިން، ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާއަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު ހަމަލާދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ނިއުރޭޑިއަންޓުން ގޮވާލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު 3-2 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓުން ކާމިޔާބުކުރި ނަމަވެސް، މެޗުގެ 76 ވަނަ މިނިޓުގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒޭރު ވަނީ ނިއުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ މޫނުމައްޗަށް ހަމަލާދީފައެވެ. މި ހަމަލާއާ ގުޅިގެން ލޫސިއާނޯގެ މޫނުމަތިންނާއި ނޭފަތުން ލޭއައިސް އަނިޔާވެފައިވާއިރު، ރެފްރީ ވަނީ މެޗުގެ 77 ވަނަ މިނިޓުގައި ސުޒޭރުއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

Ad by Hajj Corporation
މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު، ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ މޫނުމައްޗަށް ހަމަލާދެނީ
މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު ދިން ހަމަލާއާއި ގުޅިގެން ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ ނޭފަތުން ލޭފައިބާފައި
މި ހާދިސާއާ ގުޅިގެން ނިއުރޭޑިއަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު، ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ މޫނުމައްޗަށް ހަމަލާދީ އަނިޔާކުރި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ކަމަށެވެ. އަދި ޖިސްމާނީ ގޮތުން ދޭ މިފަދަ ހަމަލާތަކަކީ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް ކަމެއް ނޫން ކަމަށާއި، މިއީ ކުޅިވަރުގެ އަގުތަކާއި ސަލާމަތަށް ހުރަސްއެޅޭ އަމަލެއް ކަމަށްވެސް އެ ކްލަބުން ފާހަގަކޮށްފައިވެއެވެ.
ނިއުރޭޑިއަންޓުން އިތުރަށް ބުނީ މި މައްސަލަ ރަސްމީކޮށް ޑިސިޕްލިނަރީ އިދާރާތަކަށް ހުށަހަޅައި ހެކިތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މި މައްސަލަ އަވަހަށް ބަލައި ސުޒޭރުއާ ދެކޮޅަށް ހަރުކަށި ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.
މިއީ ފުޓްބޯޅައިގެ އެންމެ ދަށު ދަރަޖައިގެ އަމަލެކެވެ. އަދި ޚާއްސަކޮށް ދިވެހި ލީގުގައި ޖެހުނު ކަޅު ލައްގަނޑެކެވެ. ގިނަބަޔަކާއި ކުލަބުތަކާއި ކަމާބެހޭ ފަރާތްތަކުން ދިވެހި ލީގު ކުރިއަރުވައި ޕްރޮމޯޓްކުރަން ކުރާ މަސައްކަތްތަކުގައި ޖެހުނު ބޮޑު ކަޅު ލައްގަނޑެކެވެ.


