ހިތްވަރުގަދަ ދިއްދޫއިން ނިއުއާއި އެއްވަރު، ޗެއާމަންގެ ތައުރީފު ދިއްދޫއަށް
10 އޮކްޓޯބަރު 2026 - 21:33

ރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް ދިއްދޫ ފުޓުބޯޅަ ޓީމުން 2-2 އިން އެއްވަރުކޮށްފިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދިއްދޫން މޮޅު ކުޅުމެއް ދައްކައި ކުރިހޯދާފައި ވަނިކޮށް، ނިއު ރޭޑިއަންޓުން ޕޮއިންޓެއް ކަށަވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ.
މެޗު ފަށައިގެން ދިއްދޫން ވަނީ ވަރުގަދަ އެޓޭކިން ކުޅުމެއް ދައްކައި، ދަނޑަށް އެއްވެ ތިބި ސަޕޯޓަރުން ކައްކުވާލައިފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އަރިމަތިން އާދަމް ޝިޔާން މުހައްމަދު ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ދިއްދޫއަށް ލީޑު ނަގައިދިނީ އުފާލް އަބްދުﷲ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން، މެޗުގެ 13 ވަނަ މިނެޓުގައި އުފާލް ދުއްވާލި ބޯޅައެއްގައި ހުސްކޮށް އަރައި، ނިއު ރޭޑިއަންޓުގެ ކީޕަރު އަހުމަދު ސަމީރު ކައިރިން ނައްޓާލުމަށްފަހު ދިއްދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޓެޓޭ ގިޑިއޮން އެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެ ލަނޑުގެ ފަރަގެއް އޮތުމުން ނިއު ރޭޑިއަންޓުން ކުޅުން ވަރުގަދަކޮށް ކުރިއަށް ޖެހެން ފެށިއެވެ. އެގޮތުން ފުރަތަމަ ހާފުގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުންތައް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. ނިއު ރޭޑިއަންޓަށް ފަރަގު ކުޑަކޮށްދިނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއަށް ނެގި ބޯޅައެއްގައި ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން އަތުން ބޯޅަ ކައްސާލުމުން، ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ (ޑޮރީ) ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ޖެހީ ދަގަނޑޭ އެވެ.
ދެވަނަ ހާފުގައި ދިއްދޫން ދެއްކީ ޑިފެންސިވް ގޮތުން ތަރުތީބު އަދި ހިތްވަރުގަދަ ކުޅުމެކެވެ. ނިއު ރޭޑިއަންޓުން ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ޔަޒްދާން އަދި މުހައްމަދު ނިޒާމް (ޕީކޭ) ކުޅެން ނެރެގެން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތްތައް ދިއްދޫގެ ޑިފެންސުން ވަނީ ވަރަށް ބޮޑަށް ހުއްޓުވައިފައެވެ. ނަމަވެސް، އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުގެ އަބްދުލާއީ ބިލިޓީ ވަނީ ލަނޑެއް ޖަހައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަހުން ޑޮރީއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އެ ބޯޅަ ގޯލަށް ވައްދައެއް ނުލެވުނެވެ.
މި މެޗު ބެއްލެވުމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ފުޓުބޯޅައިގެ ފާހަގަކޮށްލެވޭ ލެޖެންޑުން ވަނީ ދިއްދުއަށް ވަޑައިގެންފައެވެ.
މެޗަށްފަހު ނިއު ރޭޑިއަންޓުގެ ޗެއާމަން ވަނީ ދިއްދޫގެ ކުޅުމަށާއި އިންތިޒާމުތަކަށް ތައުރީފު ކުރައްވާފައެވެ. މެޗުގައި ދިއްދޫން ދެއްކި މޮޅު އަދި ރީތި ކުޅުމުން ނިއު ރޭޑިއަންޓް ހާސްކޮށްލި މަންޒަރަކީ ދިއްދޫއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ކުޅުމަށް ތައުރީފު ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މެޗުގެ ތައްޔާރީތަކާއި އިންތިޒާމުތައް ފެނިގެންދިޔައީ ނުހަނު ފުރިހަމަކޮށް ކަމަށް ފާހަގަކުރައްވައި ދިއްދޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު، ދިއްދޫއަކީ ކުޅިވަރުގެ ހަބެއްގެ ގޮތުގައި ކުރިއަރައިގެން ދާއިރު، މެހެމާންދާރީއާއި ކުޅިވަރުގެ ރޫހާއި އެކުވެރިކަން އަބަދުވެސް އިސްކުރުމަށް ސަޕޯޓަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

-01.jpg&w=3840&q=75)
