ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ފައިދާއޮތީ ރައްޔިތުންނަށް: ގާސިމް
17 އޯގަސްޓު 2025 - 04:06

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ފައިދާއޮތީ ރައްޔިތުންނަށްކަމަށާއި ސަރުކާރަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ.

Ad by Hajj Corporation
ބިލުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިކުރާކަމަށް ބުނެ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްތަކުން ފާޑުކިޔަމުން އަންނަ މި ދަނޑިވަޅުގައި މެމްބަރު ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ މިއަދުގެ ޙާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިޞްލާހުތަކެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.
" ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް. މިއީ ފެޑެރަލް ދައުލަތެއް ނޫން. އެހެންވީމާ ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް. އެ ހުދޫދުގެ ތެރޭގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާ ފުށުއަރާގޮތަށް މިފަދަ އެއްވެސް ޤާނޫނެއް ހެދިފައި އޮވެގެންނުވާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ޤާނޫނުއަސާސީގައި ބަޔާންކޮށް އެމައްޗަށް ޤާނޫނެއް ވުޖޫދަށްގެނެސް ވޭތުވެދިޔަ 14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާއިރު، މި ޤާނޫނާ އެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމަށެވެ. ޢާންމުކޮށް ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާކަންވެސް ގާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން މި އިޞްލާޙުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، "ޗެމްޕިއަން" ކުރުމަށް ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ކުރިއަށް އޮންނަ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ ފުރުޞަތު އޮވެގެންނުވާނެކަމަށާއި އެއީ ނާޖާއިޒު ފައިދާ ހޯދުންކަމަށެވެ. އަދި އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެންނުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
" މިސާލަކަށް މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ 2026 މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސްކަމުގައިވާތީ ކައުންސިލްތަކުން އިޚްލާޞްތެރިވާން ޖެހޭނީ ޤާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިޞްލާޙުގެ ސަބަބުން އަސްލުގައި ފައިދާވާނީ ރައްޔިތުންނަށް. ސަރުކާރަކަށް ނޫން." ގާނޫނުގައިވާ މާއްދާތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން ގާސިމް ވިދާޅުވިއެވެ.
ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށްވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު ކައުންސިލްޔަކަށް އޮވެގެންނުވާނެކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ނުހަނު ގެއްލުން ލިބެމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.
އިޞްލާޙުގެ 70 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރައްވާ (ނ) ގެ ގޮތުގައި ފާސްކުރައްވާފައިވާ މާއްދާގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅުއްވާ، އޭގެ ތެރޭގައި އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެންނުވާނޭ ކަމުގައި ބަޔާންކޮށްފައިވުމުން އެކަމުގެ ފައިދާ ލިބިގެންދާނީ އެރަށެއްގެ ޢާންމުންނަށާއި ޢާންމު ވިޔަފާރިތަކަށްކަމުގައިވެސް ފާހަގަކުރަންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
"އެހެންކަމުން މިއީ ރައީސް މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް "ޗެމްޕިއަން" ކުރުމަށް ގެންނަންޖެހޭ އިޞްލާޙުތަކެއްކަމީ ޝައްކެއް އޮތްކަމެއް ނޫން" ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މި އިޞްލާޙުތަކުން ފައިދާ މާބޮޑަށްވެސް އޮތީ ޢާންމު ރައްޔިތުންނަށްކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.


