logo
ޚަބަރު

ޖަޕާނުން ދިވެހި ފުލުހުންނަށް ލޯންޗުތަކެއް ހަދިޔާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޯގަސްޓު 2025 - 08:38
ޖަޕާނުން ދިވެހި ފުލުހުންނަށް ލޯންޗުތަކެއް ހަދިޔާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ޖަޕާން ސަރުކާރުން ފަސް ލޯންޗު މިއަދު ދިވެހި ފުލުހުންނަށް ހަދިޔާކޮށްފިއެވެ.

ހޯމަ ދުވަހު ދޫނިދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް މި ވެދެއްވި އެހީތެރިކަމާއި އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. އެގޮތުން، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ދެއްކެވި ވާހަކަފުޅުގައި، މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށް ވިދާޅުވިއެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި އެހީއަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ ދަށުން ދެވުނު އެހީއެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، އަވަހަށް އިޖާބަދެވޭ އުޅަނދުތަކުގެ ބޭނުން ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް މުހިންމުވެފައިވާކަން ފާހަގަކުރައްވައި، މިފަދަ އުޅަނދުތައް ލިބުމަކީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް ވަނީ ޖަޕާނަށް އަރުވާފައިވެއެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، 2024 ޖުލައި 14 ވަނަ ދުވަހު 54 ކާރާއި ހަތަރު ވޭން ވެސް ހަދިޔާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް، ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކޮށްފައިވެއެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފިޚަބަރު | 9 ގަޑިއިރު ކުރިންކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަނީ، އިތުރަށް މޮނިޓާކުރަން ފަށަނީ ޚަބަރު | ދުވަހެއް ކުރިންޖަޕާނުން ދިވެހި ފުލުހުންނަށް ލޯންޗުތަކެއް ހަދިޔާކޮށްފިޚަބަރު | 2 ދުވަސް ކުރިންފުވައްމުލަކުގައި، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 ދުވަސް ކުރިން