ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
18 އޯގަސްޓު 2025 - 13:04

މޫސުން ގޯސްވެ ކުއްލިއަކަށް ވެހެން ފެށި ބޯވާރޭގެ ސަބަބުން ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުން މަދުވެގެން 337 މީހުން މަރުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.
އިމަޖެންސީ ސަރވިސްގެ އޮފިޝަލެއް ކަމަށްވާ މުޙައްމަދު ސުހައިލް "އަލްޖަޒީރާއަށް" މައުލޫމާތު ދެމުން ބުނީ، ހުކުރު ދުވަހު ވާރޭވެހި، ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ފަރުބަދަ ސަރަޙައްދު ކަމުގައިވާ ބުނެރުން ސަރަހައްދުން މަރުވެފައިވާ 54 މީހެއްގެ ހަށިގަނޑު ފެނުނު ކަމަށެވެ. ސުހައިލް ބުނީ އަދިވެސް ގިނަ އަދަދެއްގެ މީހުން އެ އަވަށުން ގެއްލިފައިވާ ކަމަށެވެ.

Ad by Hajj Corporation
މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ގެއްލިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކިޝްތްވާރު ޑިސްޓްރިކްޓްގެ ޗޮސިޓީ ނަމަކަށް ކިޔާ ރަށަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އިމަޖެންސީ ޓީމްތަކުން އާދިއްތަ ދުވަހުވެސް ކުރިއަށް ގެންދިޔައެވެ. އެރަށުން މަދުވެގެން 60 މީހުން މަރުވެ، 150 މީހުންނަށް އަނިޔާވެ، އޭގެ ތެރެއިން 50 މީހުންގެ ހާލު ދެރަކަމަށް އޮފިޝަލުން ބުނެއެވެ.
ފަރުބަދަތަކުން ފައިބައިގެން އައި ފެނުގެ އޮއިވަރުގައި އައި ބޮޑެތި ހިލަތަކުން ޖެހި އެތައް ގެއެއް ވަނީ ހަލާކުވެފައެވެ. މިހާރުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް އިތުރަށް ފެންބޮޑުވުމާއި ބިންހެލުމުގެ ނުރައްކާ އޮތްކަމަށް އިންޒާރުދީ، ލޯކަލް އިދާރާތަކަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އިރުޝާދު ދީފައިވެއެވެ. ޖޫން 26 އިން ފެށިގެން އާދަޔާ ޚިލާފަށް ގަދައަށް ޕާކިސްތާނަށް ވާރޭ ވެހި، 600 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ހުކުރު ދުވަހު، ހިމާލަޔާ ރަށެއްގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއެއްގައިވެސް މަދުވެގެން 60 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ގެއްލިފައެވެ.