އެކުއަކަލްޗާއަށް ފަޅު ރަށް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
21 އޯގަސްޓު 2025 - 05:01

އެކުއަކަލްޗާ ހަރަކާތްތައް ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްރަށާއި އެ ރަށްރަށުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ބީލަމުގެ ދަށުން ދޫކުރެވޭ ރަށްރަށް ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، މި މުއްދަތު އިތުރުކުރެވޭނެ ނަމަވެސް، ޖުމްލަ 50 އަހަރަށްވުރެ އިތުރު ނުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad by Hajj Corporation
ބީލަން ހުށަހަޅާ ފަރާތްތަކުން އަމިއްލައަށް ރަށް ނުވަތަ އެކަހެރި ފަޅުތައް ބަލައި ދިރާސާކުރަން ޖެހޭނެއެވެ. މިފަދަ ދިރާސާއެއް ކުރަން ބޭނުންވާނަމަ، އެ ވުޒާރާއިން ދޫކުރާ ޒިޔާރަތްކުރުމުގެ ހުއްދައެއް ހޯދަންޖެހޭނެއެވެ. ނަމަވެސް ރަށް ނުވަތަ ފަޅުގެ ދިރާސާ ނުކުރި ނަމަވެސް ބީލަން ބާތިލެއް ނުވާނެއެވެ.
2020 ވަނަ އަހަރު އެކުލަވާލި އެކުއަކަލްޗަރ ކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހާ އެކު، މިހާރު ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިޞާސްގައި ނުހިމެނޭ ފަޅުތަކާއި، ކަނޑުގެ ސަރަހައްދުވެސް ކުއްޔަށް ދޫކުރެވޭނެއެވެ. މި ފުރުސަތު ލިބޭނީ ދިވެހި ރައްޔިތުންނަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކަށާއި ކޯޕަރޭޓް ސޮސައިޓީތަކަށެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބީލަން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ގެންދަނީ އެކި މަޝްރޫއުތައް ކުރިއަށެވެ.
އެކުއަކަލްޗާ އަކީ ކަނޑު ފަރުގެ އެކިދިރުންތައް ވަކި ހާއްސަ ތަނެއްގައި އާލާކޮށް ވިޔަފާރީގެ ބޭނުމަށް އުފެއްދުމެވެ.