ނޮޅިވަރަމް ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނެގުމަށް އިލްތިމާސްކުރައްވައިފި
25 އޯގަސްޓު 2025 - 14:48

ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޮޅިވަރަން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އެ މަނިކުފާނު ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށް ވާހިނދު، ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާ ނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް ލިބޭ ނަފާ އިތުރުވެގެންދާނޭކަމަށެވެ. އެގޮތުން މިއީ ސަރުކާރުން ކައުންސިލުގެ ކިބައިން އެދޭ އެދުމެއްކަމަށް ވިދާޅުވެ، މިކަން ކުރަން ކައުންސިލަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.
ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހިންގާ މަޝްރޫއުތައް ރާއްވަވާފައިވާނީ ސަރުކާރުގެ ދެމެހެއްޓެވިނި ތަރައްގީގެ ސިޔާސަތުގެ ތެރެއިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، އެ އޮންނަ އިންތިޤާލީ މަރުޙަލާގައިވެސް ސިއްޙީ މަރުކަޒުގެ ޚިދުމަތް ހަރުދަނާކުރަން ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކޮށްދެއްވަމުން ގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާލުވީ، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް، ނޮޅިވަރަމުގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްގީ ކުރާނީ އެހެން ރަށްރަށަށް ވުރެ ފުޅާކޮށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި ކަމަށޭވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑުވެސް ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑަކަށް އަޕްގްރޭޑްކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ފެށިފައިވާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތުގައި ސްކޫލަށް ބޭނުންވާ އިތުރު ބިނާރުގެ މަސައްކަތް ހިމަނުއްވާނޭކަމަށެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދުވަނީ، ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ގާއިމުކުރުމުގެ މަޝްރޫއާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއަދު ސޮއިކުރެއްވި، ފައްޓަވަން ނިންމެވި އަދި ފައްޓަވާ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ބާރު ދުވެލީގައި ކުރިއަށްގެންދަވައި ނިންމަވައިދެއްވާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.