ދިވެހިލީގުން ވަކިވާން ނިންމާ، ސަސް އިން އެކަން އެފްއޭއެމް އަށް އަންގައިފި
25 އޯގަސްޓު 2025 - 15:26

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަނުކުރަން ނިންމައި، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމް އިން ނެރުނު ބަޔާނުގައި ވަނީ، މިއަހަރު ފެށުމަށް ނިންމާފައިވާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ސަސް އިން 2025/2026 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރެވެން ނެތް ކަމަށް މިމަހުގެ 23 ވަނަ ދުވަހު އެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ. އަދި ސަސްގެ އެ ނިންމުމަކީ އެކްލަބުގެ މާލީ ހާލަތު ހުރި ގޮތުން ނިންމާފައިވާ ނިންމުމެއްކަން އެކްލަބުގެ ބޯޑުން އެފްއޭއެމް އަށް އަންގާފައިވާ ކަމަށް އެއިދާރާ އިން ބުނެއެވެ.

Ad by Hajj Corporation
ސަސްގެ އެ ނިންމުމާއެކު އެފްއޭއެމްގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކްލަބާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.
އެފްއޭއެމް އިން ދާދިފަހުން ފާސްކުރި ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގައިވާ ގޮތުން ދިވެހި ޕްރިމިއަރ ލީގު ކުރިއަށް ގެންދާނީ 10 ޓީމާއެކުއެވެ. މިއަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ކްލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ކްލަބް އީގަލްސް އަދި ކްލަބް ވެލެންސިޔާ، ކްލަބް ގްރީން ސްޓްރީޓާއި، ޓީސީ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ އާއި ބުރު ސްޕޯޓްސް ކްލަބުގެ އިތުރުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ރަނަރަޕް ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މިއީ އޮޑި ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ދިވެހި ޕްރިމިއަރ ލީގުން ސަސް ވަކިވުމަށް ނިންމުމާއެކު އެޖާގަ ލިބޭނެ ކަމަށް ބޮޑަށް ބެލެވެނީ ވަރުގަދަ ސްކޮޑަކާއެކު މިސީޒަނަށް ތައްޔާރުވަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ކުރިމަތިކުރި ސަސްޕެންޝަންގެ ސަބަބުން ފުރަތަމަ ޑިވިޝަންގެ ޖާގަ ގެއްލުނު ނިއުގެ އާ ބޯޑުން ދަނީ މިސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދިވެހި ފުޓްބޯޅާގައި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއުރޭޑިއަންޓްގެ ކޯޗަކަށް ރާއްޖޭގެ ތަޖުރިބާކާރު އެއް ކޯޗު އަލީ ސުޒެއިން ހަމަޖައްސާފައިވާއިރު، އެކްލަބުގެ އައު މެނޭޖްމަންޓުން ވަނީ ސަޕޯޓަރުންނަށް އުފާވެރި ޚަބަރުތަކަކާއެކު ކުރިއަށް އޮތް ސީޒަނަށް އެކުލަވާލާ އެކްލަބުގެ ސްކޮޑު ވަރަށް އަވަހަށް އިޢުލާން ކުރާނެކަން ހާމަކޮށްފައެވެ.
އެފްއޭއެމް އިން އާއްމުކޮށްފައިވާ ފުޓްބޯޅަ ކަލަންޑަރުގައިވާ ގޮތުގެ މަތިން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މިސީޒަނުގެ ލީގުގައި ޖުމްލަ 90 މެޗު ކުޅުމަށް ތާވަލް ކޮށްފައިވާއިރު ލީގުގެ ކުޅުން ކުރިއަށްދާނީ ދެބުރަކަށް ބަހާލައިގެން ކަމަށް އެފްއޭއެމް އިން މައުލޫމާތު ދީފައިވެއެވެ. ދިވެހި ފުޓްބޯޅަ ލީގުގެ އާ އޮނިގަނޑުގައިވާ ގޮތުން މިއަހަރުގެ ލީގުގެ ގަދަ 6 ޓީމަށް އަންނަ އަހަރުގެ ލީގުގެ ޖާގަ ކަށަވަރުވާނެ އެވެ. އަދި ލީގުގެ ފުލަށްދާ ދެޓީމެއް، ދެވަނަ ޑިވިޝަންގެ ބަދަލުގައި އަލަށް ފެށުމަށް ނިންމާފައިވާ ރީޖަނަލް ލީގުގެ މާލޭ ލީގަށް ރެލިގޭޓްވާއިރު، ލީގުގެ ހަތްވަނަ އާއި އަށްވަނަ ކުޅޭނީ ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގައެވެ.
ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމުގެ އިތުރުން ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގައި ދެން ވާދަކުރާނީ އަތޮޅު ލީގުތަކުން އަންނަ ނޯތު ލީގުގެ ޗެމްޕިއަން ޓީމާއި ސެންޓްރަލް ލީގުގެ ޗެމްޕިއަން އަދި ސައުތު ލީގުގެ ޗެމްޕިއަންގެ އިތުރުން މާލޭ ލީގުގެ ޗެމްޕިއަން ހިމެނޭހެން 6 ޓީމެވެ. ޕްމިއަރ ލީގުގެ ގަދަ ހަތަރު ޓީމަށް 2026/2027 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނެވެ.