ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި، ރައީސް ދެއްވީ ދަތިކަމެއް އަންނާނެކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން
26 އޯގަސްޓު 2025 - 19:18

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ތަސްދީގުކުރައްވާފައިވާ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ފާޅުކުރި ކަންބޮޑުވުންތައް، ވަރަށް އިޙްތިރާމާއި، ހިތްތިރިކަމާއެކު އަޑުއައްސަވައި، އެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ޖަވާބެއް އެމަނިކުފާނު ދެއްވައިފިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބައެއް ކައުންސިލްތަކުން ވަނީ، މި އިސްލާހަކީ ކައުންސިލްގެ ބާރުތައް ހަނިކޮށް، ގިނަ ގެއްލުންތަކެއް ގެނުވާނެ އިސްލާހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެހެންނަމަވެސް މިއީ ހަގީގަތުގައި މިކަން ހިނގާނެގޮތް ނޫން ކަމާއި، މި އިސްލާހަކީ، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް ފަރުމާކޮށް، ތައްޔާރުކުރެވިފައިވާ އިސްލާހެއްކަން މީގެކުރިން ރައީސް ޑރ. މުއިއްޒު ވެސް، އަދި ކަމާ ގުޅުންހުރި އެހެނިހެން ބައެއް މާހިރުން ވެސް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި އަންގާރަ ދުވަހުގެރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި އިސްލާހާ ގުޅިގެން ކައުންސިލްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވާފައެވެ. ބައެއް ކައުންސިލްތަކާ ބައްދަލުވާއިރު، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ވަރަށް ދަތިވާކަމަށް އެ ކައުންސިލްތަކުން ބުނި ނަމަވެސް، ކައުންސިލްތަކަށް އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ގެންނަވާފައިނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބާއްވަވާ ޖަލްސާތަކުގައި، ބައެއް ކައުންސިލްތަކުގެ ރައީސުން، ރައީސުލްޖުމްހޫރިއްޔާއަށް އިޝާރަތްކުރައްވައި، މި އިސްލާހަކީ ކައުންސިލްތަކުގެ ބާރުކަނޑުވާލަން ސަރުކާރުން ގެނައި އިސްލާހެއްގެ ގޮތުގައި ސިފަކޮށް، ރައީސްއަށް އިހްތިރާމްކުޑަކުރުމުގެ ނިޔަތުގައި ވާހަކަދައްކަވާފައިވެއެވެ.
އެ މޭރުމުން އެ ބޭފުޅުން ވާހަކަދެއްކެވި ނަމަވެސް، އެ ވާހަކަތަކަށް، ކޯފާ އިސްކުރައްވައި، ނުރުހުމުގެ ގޮތުން އެއްވެސް ޖަވާބެއް ރައީސް ދެއްވާފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.
އޭގެ ބަދަލުގައި، ކުޅުދުއްފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައެްދަލުވުމުގައި ރައީސް ވަނީ، ވަރަށް ތަފްސީލީ ގޮތެއްގައި، ވަރަށް ފުރިހަމަ ޖަވާބެއް ދެއްވާފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުން އެދޭ ތަރައްޤީއަށް ވާސިލުވުމަށްކަމަށެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ގެންނަވާފައިވާ އިސްލާހުތަކަކީވެސް ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެސްފައިވާ އިސްލާހުތަކެއްކަމަށް ވިދާޅުވާ ވިދާޅުވުން، އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ ނިޒާމު އިތުުރަށް ވަރުގަދަކޮށްދީ، ހެޔޮވެރިކަމެއްކޮށްދެވޭނެ ގޮތްތައް ހެދުމާއެކު، ކައުންސިލްތައް ޒިންމާދާރުކުރެވޭނެ ގޮތަށް ގެންނަވާ އިސްލާހުތަކެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެކުރީގެ ސަރުކާރުތަކުން ކައުންސިލުތަކުގެ މަސައްކަތްތަކަށް ހުރަސް އެޅިނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތަށް ހުރަސް ނާޅުއްވާނެކަމަށެވެ.
އަޅުގަނޑު މޭޔަރަކަށް ހުރިއިރު އޭރުގެ ސަރުކާރުން ކުރިމަތިކުރި ޖެއްސުންތަކާއި ހުރަސްތައް އަޅުގަނޑު މިހުރީ އަޒުމް ކަނޑައަޅައިގެން އަޅުގަނޑުގެ ސަރުކާރުން އެއްވެސް ކައުންސިލަކަށް ކުރިމަތިވިޔަ ނުދޭން. އެހެންވީމަ އެއްވެސް ބޭފުޅަކަށް އެހެން ވިދާޅުވުމުގެ ފުރުސަތެއް ނުލިބޭނެ. އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަންކުރުން. އެހެންވީމަ މިހުރިހާ ކުރިއެރުންތަކެއް މިގެނެސްދެނީ - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރަށްރަށުގެ ކައުންސިލްތައް މާލެ ގެނެސް، ރައީސް އޮފީހަށް ހާޒިރުވުމުގެ ބޯދާ ސިޔާސަތު މި ސަރުކާރުން ނުގެންގުޅޭކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރާއި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ، އެމަނިކުފާނާއި ވަޒީރުން، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުން އެދޭ ކަންތައްތައް ބަލައި، އެ ކަންކަން ކޮށްދެވެން އޮތް އެންމެ ފުރިހަމަ މިނެއްގައި ކޮށްދިނުމުގެ ސިޔާސަތު ކަމަށެވެ.
މި ސިޔާސަތުގެ ދަށުން މީގެކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެއް ފަހަރަށް ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި، ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ޑަބްލިއުޑީސީއާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި މިހާތަނަށް 74 ރަށެއްގެ ކައުންސިލާއި ޑަބްޑިއުޑީސީއާ ދެ ފަހަރަށް ބައްދަލުކުރެވިއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް، ހުރިހާ ރަށެއްގެ ކައުންސިލާއި ޑަބްލިއުޑީސީއާ ބައްދަލުކުރައްވަން މަސައްކަތްކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތަރައްްޤީގެ ގެނެސްދެއްވުމުގައި ބައްލަވަނީ ރަށުގެ އާބާދީ ނުވަތަ ސިޔާސީ ފިކުރަށްވެސް ނޫންކަމަށެވެ. އޭގެބަދަލުގައި ސަރުކާރުގެ އިސްކަންދެއްވަނީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިދީ، ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލުކޮށްދެއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.