މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގެންފި
27 އޯގަސްޓު 2025 - 09:56
.webp&w=3840&q=75)
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ރައްޔިތުންގެ މަޖިލީހު މިއަދު ބަލައިގެންފިއެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ގޮސް، މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މި ބިލް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ބިލް މަޖިލީހަށް ބަލައިގަތީ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

Ad by Hajj Corporation
މަޖިލީހަށް މި ބިލު ބަލައިގަންނަން ނިންމުމުން، މި ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ދިރާސާކުރާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މަޖިލީހަށް މިބިލް ހުށަހެޅުއްވީ މީގެކުރިންވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. މި ބިލު ހުށަހެޅުއްވި މަގްސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީ ކޮށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެނެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދެ ހައްގުތައް ޒިންމާދާރުކުރުމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި، ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް، މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަގްކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށްޓަކާއި އެވެ.
މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ބިލު ޤާނޫނަކަށްވުމާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ގާނޫނާއެކު މިހާރު އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު އުވާލެވި، ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވާލެވޭނެއެވެ. އަދި މި ގާނޫނުތަކުގެ ދަށުން މިހާރު އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންވެސް އުވިގެންދާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނު ވުޖޫދުވުމާއެކު އެކުލަވާލާ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސް، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭގޮތަށް ބިލުގައި ބަޔާންކޮށްފައިވާއިރު ނައިބު ރައީސް އައްޔަން ކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި މިހެން ބަޔާންކޮށްފައިވީ ނަމަވެސް، މީޑިއާ ކޮންޓްރޯލް ކުރުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަމަށާއި އެއީ އެއްވެސް އިރަކު އެމަނިކުފާނު ނުކުރައްވާނެ ކަމެއްކަމަށް ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެ ބިލް އެކުލަވައިލަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރައީސްގެ އެއްވެސް ކޮންޓްރޯލެއް ނޯންނާނެ ގޮތަކަށް ބިލު އިސްލާހުކުރަން، ސަރުކާރު މެމްބަރުންނަށް ދަންނަވާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސް މަޖައްލާއެއް ތަކުރާރުކޮށް ސުލޫކީ މިންގަނޑާ ހިލާފުވާނަމަ 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ މައްސަލަ ނިމެންދެން ވަގުތީގޮތުން ރަޖިސްޓްރީ ބާތިލުކުމާއި ތަކުރާރުކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ދިއުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ކޮމިޝަނުން ކަމެއް އިސްލާހުކުރުމަށް އަންގާ މުއްދަތުގެ ތެރޭގައި އެކަމެއް އިސްލާހުނުކޮށްފިނަމަ 5000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.