logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި

ޢައްފާން މުޙައްމަދު
16 ޑިސެމްބަރު 2025 - 06:36
ނޫސްވެރިންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި

ރާއްޖޭގައި ބްރޯޑްކާސްޓިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކުރައްވައިފިއެވެ.

އެ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑެއް ޢާންމުކޮށްފައިވާއިރު، މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށީ މި އަހަރުގެ ތެރޭގައެވެ.

މި އުޞޫލުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާއި މިންގަނޑުތަކާއި މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.

ސުލޫކީ މިންގަނޑުގައި ހިފަހައްޓަންޖެހޭ ހަމަތައް ވެސް ސުލޫކީ މިންގަނޑުގައި ތަފުސީލުކޮށްފައިވެއެވެ.

އެގޮތުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން އަދި އިޖުތިމާޢީ އަޚުލާޤާއި އާންމު ނިޒާމު ހިފެހެއްޓުމާއި މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން މިއީ މި މިންގަނޑުގައި ހިމެނޭ ކަންކަމެވެ. އަދި ހަމަ އެހެންމެ، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން، ތެދު މަޢުލޫމާތު ހާމަކުރުމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ޤާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުން މިއީ ވެސް މި މިންގަނޑުގައި ހިމެނޭ ކަންކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މުޖުތަމަޢުގައި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރަން ޚާއްޞަ ރައްކައުތެރިކަމާއި ސަމާލުކަމެއް ދިނުމާއި ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުޑަކުދިންގެ ޙައްޤުތަކަށް ގެއްލުންވާނެ ފަދަ ޚަބަރާއި މަޢުލޫމާތު ނުފެތުރުން ވެސް މިއީ ސުލޫކީ މިންގަނޑުގައި ހިފަހައްޓަންޖެހޭ ހަމަތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމެވެ.

ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި ކޮޕީރައިޓު ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއް ވެސް ހިމަނާފައިވައެއެވެ. އެގޮތުން އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އާޓިފިޝިއަލް އިންޓެލިޖެންސް ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި އެ ކޮންޓެންޓަކީ އެ ފަދަ ގޮތަކަށް އުފައްދައިފައިވާ ކޮންޓެންޓެއްކަން ބަޔާންކުރަންޖެހޭނެއެވެ. އަދި އޭއައި ބޭނުންކުރަންވާނީ ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމުގައި އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި ކަމާއި މި ގޮތުން ގެނެސްދޭ މައުލޫމާތަކީ އޭގެ ތެދުކަން ކަށަވަރުކޮށްފައިވާ މައުލޫމާތަކަށްވާންޖެހޭނެކަމަށްވެސް މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ.

ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާއަކުން، ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެއެެވެ.

މީގެ އިތުރުން ސުލޫކީ މިންގަނޑާ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ޚިލާފުވެއްޖެނަމަ، ޤާނޫނާ ޚިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގިދާނެއެވެ. އަދި މަޢާފަށް އެދުމަށާއި ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެމަތިން، ކުށުގެ އިޞްލާޙު ޢާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް ޢާންމުކުރުމަށް އެންގިދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންމީޑިއާ ބިލުގެ ސަބަބުން ދޮގު ހަބަރު ފެތުރުން ހުއްޓުވި، ނޫސްވެރިކަން މިނިވަންވާނެ: ޑެއިލީ މިރާ ޚަބަރު | 3 މަސް ކުރިންތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | 3 މަސް ކުރިންމީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގެންފިޚަބަރު | 4 މަސް ކުރިން