ތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފި
16 ސެޕްޓެމްބަރު 2025 - 13:50

ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައެވެ.

Ad by Hajj Corporation
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަގޮތުން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.
މި ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން ވަނީ ކަމާ ގުޅުންހުރި އެކިއެކި ފަރާތްތަކާ މަޝްވަރާކުރައްވާ، އިސްލާހުތަކެއް ބިލަށް ގެނެސްފައެވެ.
މި އިސްލާހުތަކާއެކު ކޮމިޓީން މި ބިލު ފާސްކުރީ ހޯމަ ދުވަހުއެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ ހޯމަ ދުވަހު ފާސްކުރި ބިލުގައި އެއްވެސް ގާނޫނީ ފުށުއެރުންތަކެއް ނެތް ނަމަވެސް ފާސްކުރި ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބިފައި ވާތީ އެ ލަފާ ވެސް ބިލް ފާސްކުރާއިރު ހިމެނުމަށެވެ. އެހެންވެ، ޝުޖާއު ހުށަހެޅުއްވި ގޮތަށް ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރި އެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެކަންޏެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހް ޔޫނުސް ހުށަހެޅުއްވި އިސްލާހުތަކެއް ވެސް ފާސްކޮށްފައިވެއެވެ.
މި ހުރިހާ އިސްލާހުތަކަކާއެކު، މުޅި ބިލު ފާސްކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބިލް ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 61 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓާއެކުއެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ.
ސަރުކާރުގެ ފަރާތުން މިބިލަށް އިސްލާހު ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވި މުހިންމު އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވަނީ އިސްލާހު ގެންނަވާފައެވެ.
ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވަނީ އިސްލާހު ގެނެސްފައެވެ.
ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ. މީގެ އިތުރުންވެސް ބިލުގައި ކަންބޮޑުވުން ހުރި ގިނަ މާއްދާތަކަށް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ.
ބިލުގައި މީޑިއާ މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އެކަންޏެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓްނުކުރާނެއެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.