ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން ހަލައްކައަށް ވުރެ ގިނަ ގަސް އިންދައިފި
29 އޯގަސްޓު 2025 - 04:52

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ވައުދުފުޅެއް ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 658,294 ގަސް އިންދިފައިވާކަމަށް، ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުންދައްކައިފިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.

Ad by Hajj Corporation
މިމަހު 27 ގައި އެންވަޔަރަމެންޓް މިނިސްޓްރީއިން ހާމަކޮށްފައިވާ، މައުލޫމާތުތަކުން ދައްކާގޮތުން މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް، ހަލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާއިރު، ގައުމީ މި މަޝްރޫޢުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ކައުންސިލްތަކާއި އަދި ރިސޯޓުތައް ފަދަ ތަފާތު ފަރާތްތަކުން ބައިވެރިވެއެވެ. އަދި މި މަޝްރޫޢުގެ އަމާޒަކީ ޖުމްލަ 6.5 މިލިއަން ގަސް އިންދުންކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށްހަމަޖެހިފައެވެ.