އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ކެރިއާ ގައިޑެންސް ޕްރްގްރާމެއް
1 ސެޕްޓެމްބަރު 2025 - 07:38

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މުޅިރާއްޖޭގެ އެކި އެކި ތަޢުލީމީ އިދާރާތަކަށް ޚާއްސަކޮށްގެން އިންޖިނިއަރިންގ ދާއިރާގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ސައިޓް ވިޒިޓްތަކެއް ކުރިއަށްގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިސްނަގައިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދައުލަތުގެ އެސް.އޯ.އީ ތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ސިޓީތަކުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 28 ތަޢުލީމީ އިދާރާއެއްގައި ޕްރޮގްރާމްތައް ހިންގާފައިވާއިރު، އޭގެތެރޭގައި ފެނަކައިން އެކަނި 23 ސްކޫލެއްގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މީގެ އިތުރުން އެމް.ޓީ.ސީ.ސީ، އެމް.އޭ.ސީ.އެލް، އެފް.ޑީ.ސީ އަދި ސްޓެލްކޯއިން ވެސް އެކި ސްކޫލްތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގާފައިވެއެވެ.
އެގޮތުން އެމް.ޓީ.ސީ.ސީއިން ބޮޑުތަކުރުފާނު މަގު ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސަރަޙައްދަށް ސްކޫލް ދަރިވަރުން ގެންގޮސްފައިވާއިރު، އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަރިވަރުން ގެންގޮސް މަޢުލޫމާތު ދީފައިވެއެވެ. އަދި އެފް.ޑީ.ސީއިން ހުޅުމާލޭގައި ހަދަމުންދާ އަމާން އުދަރެސް ޓަވަރުތަކަށް ދަރިވަރުން ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި މިދިޔަ އާދީއްތަދުވަހު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސިވިލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގގެ ދަރިވަރުންނަށް މާލެ-ތިލަފުށި ލިންކް ސައިޓަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ.
އަދި އިތުރު ޕްރޮގްރާމްތަކެއް ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.