ރަސްމާލެއިން ޕްރޮޕަޓީ ގަތުމުން އޮޓޮމެޓިކުން ވިސާއާއި ވާރުތަ މުދާ ލިބޭނެތަ؟ ހަގީގަތް މިއޮތީ
27 ސެޕްޓެމްބަރު 2026 - 12:19

ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ހިންގޭ ބޮޑެތި މަޝްރޫޢުތަކަކީ މުޅި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މުސްތަޤްބަލާ ގުޅިފައިވާ މުހިންމު ބިންގާތަކެކެވެ. ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން 'މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ' ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމަކީ ޖީލުތަކަށް ދެމިގެންދާނެ އަގުހުރި އުންމީދެކެވެ. ނަމަވެސް މިފަދަ ބޮޑު މަޝްރޫޢަކާ ގުޅުވައިގެން ޒިންމާދާރުކަމެއްނެތް އިދިކޮޅަކުން ސިޔާސީ މަންފާއަށްޓަކައި ޙަޤީޤަތާ ޚިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އިދިކޮޅުން ފަތުރާ ފިތުނައިގެ ތެރެއަށް އާންމު ރައްޔިތުމީހާ ގަންބާލުމުގެ ކުރިން އިދިކޮޅުން މިދައްކާ ވާހަކަތަކުގެ ހަގީގަތާމެދު ފިކުރު ހިންގައިލަންޖެހެއެވެ.
އީގަލް ހިލްސްގެ ތަޖުރިބާއާއި ބައިނަލްއަޤްވާމީ ފެންވަރު
.png&w=750&q=75)
Ad by Hajj Corporation
ރަސްމާލެ މަޝްރޫޢު ތަރައްޤީކުރާ އީގަލް ހިލްސް ކުންފުންޏަކީ ދުބާއީގެ ޑައުންޓައުން އަދި ބެލްގްރޭޑް ވޯޓަރފްރަންޓް ފަދަ ދުނިޔެ ސިއްސުވާލި ބޮޑެތި ސިޓީތައް ބިނާކުރުމުގެ މޭސްތިރިޔާ މުޙައްމަދު އަލައްބާރުގެ ލީޑަރޝިޕްގެ ދަށުން ހިންގާ ކާމިޔާބު ކުންފުންޏެކެވެ. ދުނިޔޭގެ އެކި ބައްރުތަކުގައި ޒަމާނީ ޝަހަރުތައް ބިންގަލުން ފެށިގެން ބިނާކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ތަޖުރިބާކާރު ބަޔަކާއެކު މިފަދަ މަޝްރޫޢެއް ފެށުމަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ ބޮޑު ކާމިޔާބީއެކެވެ. މި ބައިވެރިވުމަކީ ރަސްމާލެ މަޝްރޫޢު ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ނިމިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމެކެވެ.
ބިމުގެ މިލްކުވެރިކަމާއި ވާރުތަވުމުގެ ހަގީގަތް
މި މަޝްރޫޢާ ގުޅުވައިގެން ދެކެވޭ އެންމެ ބޮޑު އެއް ދޮގު ވާހަކައަކީ ރަސްމާލޭގެ ބިންތަކުގެ މިލްކުވެރިކަން ދައުލަތަށް ގެއްލި، އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ބުނެ ދައްކާ ވާހަކައެވެ. ނަމަވެސް ސަރުކާރުން ސާފުކޮށްދެއްވާފައިވާ ގޮތުގައި، ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތެއްގެ މިލްކަކީ ހަމައެކަނި އެ ގަންނަ ޢިމާރާތް ނުވަތަ ޕްރޮޕަޓީއެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ ފުރިހަމަ މިލްކެކެވެ. އަދި ޕްރޮޕަޓީއެއް ވިއްކާލާނަމަ ނުވަތަ ވާރުތަވާނަމަ، އެކަން ވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، ކަނޑައެޅިފައިވާ ފީ ނަގައި، ސަރުކާރުން ހުއްދަ ދިނުމުންނެވެ. އެހެންކަމުން އޮޓޮމެޓިކުން މުދާ ވާރުތަވާނެ ކަމަށް ބުނުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ.
ވިސާ ލިބުމާ ގުޅޭ ޙަޤީޤަތް
ހަމައެއާއެކު، ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް ނުވަތަ އެމީހެއްގެ ޢާއިލާއަށް އޮޓޮމެޓިކުން ރާއްޖޭގެ ވިސާ ލިބިގެންދާނެ ސަބަބެއް ނޫނެވެ. ރާއްޖޭގައި ވިސާ ދިނުމާއި، އައުކުރުމާއި، އަދި ބާޠިލުކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނަށް ފުރިހަމަ ބާރު ލިބިގެން ހިނގާ ޤާނޫނީ އިޖުރާއާތެކެވެ. މިފަދަ އެއްވެސް ޕްރޮޕަޓީއަކާ ގުޅިގެން ޤައުމުގެ ސިޔާދަތާއި އިމިގްރޭޝަން ޤަވާޢިދުތަކަށް އެއްވެސް ލުޔެއް ނުވަތަ ބަދަލެއް ނާންނާނެއެވެ.
ޤައުމީ އިސްތިޤުލާލާއި ތަރައްޤީ
ދިވެހިރާއްޖެއަކީ ފަޚުރުވެރި، މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. ޤައުމުގެ އިސްތިޤުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ އޮވެވޭނީ ދައުލަތުގެ އިޤްތިޞާދު ވަރުގަދަކޮށް، މާލީ ގޮތުން ފުދުންތެރި ޤައުމަކަށް ވެވިގެންނެވެ. ސިޔާސީ ގޮތުން ތިމާމެންނަށް ނުވި ކަމެއް އެހެން ބަޔަކު ކުރާތީ އެކަމަށް ހުރަސްއަޅައި ދޮގު މަޢުލޫމާތު ފެތުރުމަކީ ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ އެދުން އިސްކުރުމެވެ. ރާއްޖެއަށް މިއަދު ބޭނުންވަނީ ދުރުރާސްތާގެ، މުޅި ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށްދޭނެ މިފަދަ އިންޤިލާބީ ބޮޑެތި މަޝްރޫޢުތަކެވެ.


