ދެ ކުންފުންޏަކާ ހަވާލުކޮށް ރަސްފަންނުގެ މަސައްކަތް މިމަހު ފަށަނީ
1 ސެޕްޓެމްބަރު 2025 - 13:07

ދެ ކުންފުންޏަކާ ހަވާލުކޮށް، ރަސްފަންނު ތަރައްޤީ ކުރުމުގެ މަސައްކަތް މި މަހު ފެށުމަށް ނިންމައިފިއެވެ.
އެގޮތުން، ރަސްފަންނުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ.

Ad by Hajj Corporation
އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ކުރުމަށެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ.
ރަސްފަންނަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވުމުން، މި ސަރަހައްދުގައި ފާހަނާ ބަރިއަކާއި، ފެން މާގަނޑު ބެހެއްޓުމުގެ އިތުރުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ރަސްފަންނު ހުޅުވާފައި ވަނީ 2016 ވަނަ އަހަރުއެވެ.
ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.


