ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިންމާލައިފި
3 ސެޕްޓެމްބަރު 2025 - 06:56

ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް ނިމިފަވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ، ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގައި، ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ %43 ނިމިފަވާކަމަށެވެ. އަދި ލިފްޓް އިންސްޓޯލްކުރުމުގެ %38 މަސައްކަތް ނިންމާލެވިފައިވާކަމަށް ވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
ވަކިވަކި ޓަވަރުތަކުގެ މަސައްކަތަށް ބަލާއިރު، ޓަވަރު 1 އަދި 2 ގައި ލިފްޓް ބަހައްޓާ ނިމި ބޭނުންކުރަން ވަނީ ފަށާފައެވެ. ނަމަވެސް މި ލިފްޓްތަކުގައިވެސް އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީސީން ބުނެފައިވެއެވެ.

Ad by Hajj Corporation
އިތުރު ޓަވަރުތަކުގެ ލިފްޓު ހަރުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާލާއިރު، ޓަވަރު 3-9ގެ ޓަވަރުތަކުގެ ލިފްޓް ބެހެއްޓުމަށް ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ.
މީގެތެރެއިން ޓަވަރު 3 އަދި 4 ގައި ލިފްޓް ހަރުކޮށް، ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި ލިފްޓްތައް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެއެވެ. ޓަވަރު 5-6ގައި ލިފްޓް އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޓަވަރު 7-12އަށް ސްޓީލް ސްޓްރަކްޗަރގެ މަސައްކަތްތައް ދަނީ ކުރިއަށްގެންދަމުންނެވެ. ޓަވަރު 13-16ގެ ޓަވަރުތަކުގައި ލިފްޓް ބެހެއްޓުމުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު މުޅިން ނިމިފަވާކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ކަމަށާއި އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއްކަމަށް ރައީސް އޭރު ވިދާޅުވިއެވެ.
ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް 277 މިލިއަން ރުފިޔާ ހޭދަވެއެވެ. އެއީ ހިޔާގެ ހުރިހާ ޓަވަރެއްގައި 32 ލިފްޓް ހަރުކުރުމަށެވެ.
މި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ސަރުކާރުން އަމާޒުހިފާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.