ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީ
7 އޮކްޓޯބަރު 2026 - 13:06

ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ %50 އިން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ހުޅުމާލޭގައި ހުރި 12,000 އަށް ވުރެ ގިނަ ފްލެޓް ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގަވާއިދުން ކުލި ނުދައްކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
"އެކި ސަބަބުތަކާ ހުރެ، މާލީ ހާލަތު ހުންނަ ގޮތުން ކުލި ނުދައްކާ މީހުން އުޅޭ. ގާތްގަނޑަކަށް ކުލި ނުދައްކާ ނިސްބަތް %50 އަށް އަރާ،" ޒުހައިރު ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލޭގެ ހައުސިން މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، 172 ޑިވެލޮޕްމަންޓެއްގެ ތެރެއިން ހުޅުމާލޭގައި ސެމީ ލަގްޒަރީ އަދި ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 12,831 ޔުނިޓް އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ސެމީ ލަގްޒަރީގެ ގޮތުގައި 1,763 ޔުނިޓް އަދި ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 1,400 ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ޔުނިޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދީފައި ހުންނަ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޒުހައިރު ވިދާޅުވީ، ފްލެޓްތައް ކުއްޔަށް ދީފައި ހުރިތޯ ބެލުމުގެ މަސައްކަތް އެޗްޑީސީން ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޭރު މީހުންނަށް ކުއްޔަށް ދީފައި ހުރި ކަމަށް ބެލެވޭ ފްލެޓްތަކުގެ ވެރިންނަށް ވަކި މުއްދަތެއްގެ ތެރޭގައި އެ ތަންތަން ހުސްކުރުމަށް އެންގި ކަމަށާއި، ގިނަ ފަރާތްތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން އެ ކުންފުނިން އަބަދުވެސް މޮނިޓާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް ހައުސިންގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތަކަށް ބަލާއިރު، މިދިޔަ އަހަރު ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުން އަރާފައިވާ ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާގެ ޖޫރިމަނާ ވަނީ މާފުކޮށްދީފައެވެ. މީގެއިތުރުން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައްވެސް މާފުކޮށްދީފައިވެއެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ހިޔާ ޓަވަރުތަކުގެ މަހު ކުއްޔަކީ 3,984 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1,000 ރުފިޔާއާއެކު ކޮންމެ މަހަކު ދައްކަން ޖެހެނީ 4,984 ރުފިޔާއެވެ.

-01.jpg&w=3840&q=75)
