އަފްޣާނިސްތާނުގައި އެތައް ބަޔަކު ފަރުބަދަމަތީ ސަރަހައްދުތަކުގައި ތާށިވެއްޖެ
4 ސެޕްޓެމްބަރު 2025 - 10:07

އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ބިމުގެ ސަތަހައާ ކައިރިން އައި މި ބިންހެލުމަކީ ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި 1،400 އަށްވުރެ ގިނަ މީހުން މަރުވެ، 5،000 ގެއެއް ވަނީ ބިމާ ހަމަވެފައެވެ.
މި ޙާލަތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަފްޣާސްނިތާނުގައި ވެރިކަންކުރާ ޠާލިބާނު ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ބިންހެލުން އައި ސަރަޙައްދުގެ ފަސްގަނޑު އޮންނަ ގޮތުންނެވެ.

Ad by Hajj Corporation
އަފްޣާނިސްތާނުގެ އުމުރުން 45 އަހަރުގެ ރައްޔިތެއް ކަަމަށްވާ ޔޫނުސް ޚާން ބުނީ އޭނާގެ ޙަޔާތުގައި ވެސް އެހާ ބާރުގަދަ ބިންހެލުމެއް އަފްޣާނިސްތާނަށް އައިސްފައި ނުވާ ކަމަށެވެ. ބިންހެލުމުގައި އޭނާގެ ޢާއިލާގެ 12 މެންބަރުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ތިން ދަރިން ވެސް ހިމެނެއެވެ. ބިންހެލުމުގެ ހާދިޘާގައި ސަލާމަތްވީ ދެ ދަރިންނެވެ. އޭނާއާއި އޭނާގެ ދެ ދަރިން ވެސް ތިބީ އެ މީހުން ދިރިއުޅޭ ފަރުބަދަމަތީ ގޭގައި ތާށިވެފައެވެ. ގެ ވަނީ ސުންނާފަތިވެފައެވެ.
އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާއިން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ ޤައުމުގެ ވައިގެ އަސްކަރިއްޔާއިން 1،900އަށްވުރެ ގިނަ މީހުން 155 ދަތުރެއްގެ މަތިން އެހެން ސަރަޙައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަނިޔާވެފައިވާ އެތައް ސަތޭކަ މީހުން ހިމެނެއެވެ. ވައިގެ އަސްކަރިއްޔާއިން ވަނީ 10،000 ކިލޯގެ އެހީގެ ސާމާނު އެ ސަރަޙައްދަށް ފޯރުކޮށްދީފައެވެ.
ދެ ޓެކްޓޯނިކް ޕްލޭޓް އޮންނަ ސަރަޙައްދެއްގައި އޮންނަ އަފްޣާނިސްތާނަކީ ދޭތެރެދޭތެރެއިން ބިންހެލުންތަކާ ކުރިމަތިލާން ޖެހޭ ޤައުމެކެވެ. 2022ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި ހާހެއްހާ މީހުން މަރުވެފައިވެއެވެ. އޭގެ ފަހުން 2023ވަނަ އަހަރު އައި ލޮޅުންތަކެއްގައި އެ ޤައުމުގެ ހިރާތުގެ ބައެއްް އަވަށްތައް ވަނީ ސުންނާފަތިވެފައެވެ. މި އަހަރު ވެސް ހަތަރު ލޮޅުމެއް އެ ޤައުމަށް އައިސްފައިވެއެވެ.
ފަޤީރުކަމާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އަފްޣާނިސްތާނަށް ކުރިމަތިވާ މި ފަދަ ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އދން ބުނީ ފަހުގެ ބިންހެލުން އައުމުގެ ކުރިން ވެސް އަފްޣަނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި، ނުވަތަ 40 މިލިޔަނަށްވުރެ ގިނަ މީހުންނަކީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހުން ކަމަށެވެ.