ރަށު ފަތުރުވެރިކަމަށް ހާއްސަ "ތިޖާރާ ރަށު ފަތުރު" ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
7 ސެޕްޓެމްބަރު 2025 - 07:19

ރަށު ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ޚާއްސަ ލުއި ލޯނެއް ތަޢާރަފުކޮށް، އެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފިއެވެ.
އެސްޑީއެފްސީ އިން ބުނީ، މި ލޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ޝަރީއާ ހުއްދަ ކުރާ ލޯނެއް ކަމަށެވެ.

Ad by Hajj Corporation
އެގޮތުން ގެސްޓްހައުސް އިމާރާތްކުރުމަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ތަފާތު ވިޔަފާރި ހަރަކާތްތައް ހިންގުމަށްވެސް ލޯނަށް އެދި ހުށައެޅޭނެއެވެ.
މީގެ އިތުރުން ގެސްޓްހައުސް މަރާމާތުކޮށް ނުވަތަ އިމާރާތް އިތުރަށް ކުރިއެރުވުމަށާއި ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ ނުވަތަ ވޯޓަރ ސްޕޯޓްސްފަދަ ފަތުރުވެރި ހަރަކާތްތައް ފެށުމަށާއި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރިއެރުވުމަށް ވެސް ލޯން ދޫކުރާނެކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.
އެސްޑީއެފްސީން މިހާރު ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ލޯނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ލޯން ސްކީމްގެ ދަށުން 5،000،000 (ފަސް މިލިއަން) ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. މި ލޯން ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދުވަސްދޭއިރު، ލޯން ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެސްޑީއެފްސީން ބުނީ، ފައިނެންސިން ރޭޓްގެ ގޮތުގައި އަހަރަކު 9.5 އިންސައްތަ ދައްކަންޖެހޭނެ ކަމަށެވެ. އަދި ރަހުނެއް ދައްކަންޖެހޭނީ ލޯނަށް ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝަރ 700،000 ރުފިޔާއަށްވުރެ މަތިވާނަމަކަމަށްވެސް އެސްޑީއެފްސީން ބުނެފައިވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކުން އަންނަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.
އެސްޑީއެފްސީން މިހާރު ދަނީ ތަފާތު 8 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ފަތުރުވެރިކަން، ކޮމާސް، މަސްވެރިކަން، ދަތުރުފަތުރު، އުފެއްދުންތެރިކަމެވެ. މީގެއިތުރުން އިމާރާތްކުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއިންވެސް އެސްއެމްއީ ބޭންކުން ދަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.
އެސްޑީއެފްސީން ރަށު ފަތުރުވެރިކަމަށް ހާއްސަ ލޯނެއް ދޫކުރަން ފަށާފައިވާއިރު، އެ ކުންފުނީގައި ސަރުކާރުން އޮންނަ ހިއްސާ، ބޭންކު އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބީއެމްއެލްއިން ބުނީ، އެސްޑީއެފްސީ ގަތުމުގެ މަގްސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުންކަމަށެވެ.
ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ މަގްސަދުގައި އެސްޑީއެފްސީން އައު ލޯނެއް ތައާރަފްކޮށް އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ފަތުރުވެރިކަމަށް ނެރެފައިވާ 65،143 އެނދުގެ ތެރެއިން 15,494 އެނދަކީ ގެސްޓު ހައުސްތަކުގެ އެނދެވެ.،އަދި އެކިއެކި ހޮޓާތަކުގެ 2,484 އެނދެވެސް ޖުމްލަ އެނދުގެ ތެރޭގައި ހިމެނެއެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުތަކަށް ބަލާއިރު، 903 ގެސްޓުހައުސް ރާއްޖޭގައި އޮޕަރޭޓްކުރެއެވެ. އަދި 16 ހޮޓާ ވެސް ރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ހިންގައެވެ.