އަފްޣާނިސްތާނަށް އައި ބިންހެލުމުގައި 2200 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް
7 ސެޕްޓެމްބަރު 2025 - 11:07

އަފްޣާނިސްތާނަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައި ބާރުގަދަ ބިންހެލުމެއްގައި އެ ޤައުމަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ހާސް ބައެއްްގެ ގެދޮރު ވަނީ ގެއްލިިފައެވެ. އެ ބިންހެލުމުގައި 2،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އަފްޣާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން މީސްމީޑިޔާ މެދުވެރިކޮށް އެމެރިކާއިން ވަނީ އެ ޤައުމަށް ތައުޒިޔާ ފޮނުވައިފައެވެ. ނަަމަވެސް އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ ކުރާ އިޢުލާނު އެމެރިކާއިން މިހާތަނަށް ކޮށްފައެއް ނުވެއެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޙުއްދަ ދިނުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ މިއީއެވެ. މި އިޢުލާނަކީ ކާރިޘާއެއް ހިނގުމުގެ 24 ގަޑިއިރުގެ ތެރޭގައި އާއްމުކޮށް ކުރާ އިޢުލާނެކެވެ.
އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ލިބިފައިވާ ލަފާތަކާމެދު އެ ވުޒާރާއިން ވިސްނާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ވައިޓް ހައުސުން ވެސް އެ ކަމާމެދު ވިސްނާފައިވާ ކަމަށް އެ މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމުގެ ސިޔާސަތު ބަދަލު ކުރުމަށް އެމެރިކާއިން ބޭނުމެއް ނުވެއެވެ.
ރެކްޓަރ މިންގަނޑުން 6ގެ ބާރުމިނުގައި އައި ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ކުއްލި އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދޭނެތޯ ސުވާލުކުރުމުން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ޠާލިބާނުންނާ ހަމައަށް ނުފޯރާނެކަން ޔަޤީން ކުރެއްވުމަށް ޓްރަމްޕް ޚާއްޞަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ. ޠާލިބާނުންގެ ބެލުމުގެ ދަށުގައި އެމެރިކާގެ ރައްޔިތަކު މިހާރު ވެސް ހިފަހައްޓާފައި ހުރި ކަމަށް ވައިޓް ހައުސުން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation


