ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަނުކޮށްފި
10 ސެޕްޓެމްބަރު 2025 - 11:11

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާއިޝަތު މުޒްނާ އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ އެކަން ހާމަކޮށްފައެވެ.

Ad by Hajj Corporation
މުޒްނާ ސްޓެލްކޯއާ ގުޅިވަަޑައިގަތީ 2000 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައެވެ.
މުޒްނާ ވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ކުންފުނީގެ ސެކްރެޓަރީގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި މީގެ އިތުރުން، ލީގަލް ޑިޕާޓްމަންޓްގެ ވެރިޔާ، ސްޓެލްކޯ ބިއުރޯގެ ވެރިޔާ، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ، ޕްރޮކިއުމަންޓް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ، އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ވެރިޔާ އަދި ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ވެރިޔާގެ އިތުރުންކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިޔާގެ މަޤާމުތައް ފުރުއްވާފައިވެއެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.