ގާތްގާތުގައި ދެ ބިލެއް ސްޓެލްކޮއިން ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް: ފަހުމީ
4 މާރިޗު 2025 - 09:09

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ގާތްގާތުގައި ދެ ބިލް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ފޮނުވާ ކަރަންޓު ބިލްތަކާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑެއް އޮތް ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިންވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައިވާ ވާހަކައެއް ކަމަށާއި، އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ނިންމި ނިންމުމެއްކަން އެމްޑީފަހުމީ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އެމްޑީ ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ފޮނުވާފައިވާ ބިލަކީ ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީޑިން ނެގުމަށްފަހު ބިލް ޑެލިވަރީ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ލަސްވުމުގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެކެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއްވެސް ދެވިފައިވާ ކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
މި ބިލް ފޮނުވުމުގެ އަނެއް މަޤްޞަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ބޭނުންކުރުމަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. އަދި ބެކްލޮގާއެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ބޭނުންކުރުމުގެ އެއްބަޔަށް ކަމަށާއި، އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދައިދިނުމަކީ މީގެ އެއް މަޤްޞަދު ކަމުގައިވެސް އެމްޑީ ފަހުމީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަރީ ކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއިން މި ގެނައި ބަދަލުތަކަކީ ކަސްޓަމަރުންގެ ޝަކުވާތަކަށް އިޖާބަދިނުމުގެ ގޮތުން އަދި ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި ގެނެވުނު ބަދަލުތަކެއް ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންގެ ޚިޔާލާއި ޝަކުވާތަކަށް އަޑުއަހައި، ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމްޑީ ވަނީ ދެއްވާފައެވެ.
ސްޓެލްކޯއަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި 75 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޤައުމީ ކުންފުންޏެކެވެ. އެ ކުންފުނިން ގެންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ދެކޭގޮތް ތަފާތުވެފައިވާއިރު، ގިނަ ފަރާތްތަކުން މި ބަދަލުތަކަށް މަރުޙަބާ ކިޔާފައިވެއެވެ.