ސްޓެލްކޯގެ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނުގެ ނިންމުން ފާހަގަކޮށްފި
12 ޖެނުއަރީ 2026 - 17:09

ސަރުކާރުގައި މައި ކަރަންޓު ކުންފުނި - ސްޓެލްކޯގެ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނުގެ ނިންމުން ފާހަގަކޮށްފިއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް މިއަދު ވަނީ ސެޓިފިކެޓް ހަވާލުކޮށްފައެވެ.

Ad by Hajj Corporation
"ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ނަމުގައި މި މަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސަރވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
"ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ"
މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ ޢަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ސްޓެލްކޯއިން ކ. ތުލުސްދޫގައި އެޅި ޓްރެއިނިން ސެންޓަރު، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެކޮމޮޑޭޝަނާ އެކު ގާއިމްކުރި އެ ސެންޓަރުގައި ޓްރެއިނިން ރޫމާއި އިލެކްޓްރިކަލް ޓްރެއިނިން ރޫމުތަކާއި ކޮންޓްރޯލް ޓްރެއިނިން ރޫމްތަކާއި މެކޭނިކަލް ޓްރެއިނިން ރޫމްތަކާއި ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް އެމްވީއެޗްވީ ރޫމުތައް ވެސް ހުރެ އެވެ.
އެތަން އެޅުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަގާމުގައި ހުންނަވަނިކޮށެވެ. އޭރު އޭނާ ވިދާޅުވީ އެ ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ޒުވާނުން ތަމްރީންކޮށް، ކުންފުނީގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ވެސް ޓްރެއިނިން ދީ އެ ދާއިރާއިން ސަނަދެއް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.
ސްޓެލްކޯއިން ނިންމާފައި ވަނީ ޓްރެއިނިންގެ ވަކި ލެވަލްއެއް ފުރިހަމަކޮށްގެން ނޫނީ އެ ކުންފުނީގައި އިންޖިނިއަރިން ދާއިރާގައި މަސައްކަތް ނުކުރެވޭ ގޮތަށް ހެދުމަށެވެ.


