މީރާއަށް އޮގަސްޓު މަހު 2.12 ބިލަޔަން ރުފިޔާގެ އާމްދަނީއެއް
11 ސެޕްޓެމްބަރު 2025 - 06:18

މީރާއަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 2.12 ބިލިޔަން ރުފިޔާ ބަލައިގެންފިއެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ބަލައިގެންފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.9 ޕަސެންޓް އިތުރުވެފައެވެ. އަދި މިއަހަރުގެ އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ 3.1 ފަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މި އަހަރު އެ އިދާރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕަރޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އައި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓް އިތުރުވެފައިވާތީއެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކްސް ބޮޑުވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުވުމަކީވެސް މިއަހަރުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.
މީރާއަށް އޮގަސްޓް މަހު ލިބުނު އާމްދަނީގެ 54.7 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ބަލައިގެންފައިވެ އެވެ.
މީރާއަށް މިދިޔަ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 240.6 މިލިއަން ރުފިޔާ ލިބުނުއިރު މިއީ އޮގަސްޓް މަހުގެ ޖުމްލަ އާމްދަނީގެ 11.4 ޕަސެންޓެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 191.2 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165.0 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 162.5 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ.
މީރާއިން މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިޔަން ޑޮލަރު ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.