logoEN
ޚަބަރު

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނެކަމަށް ކުރީގެ ރައީސް ސާލިހް ވިދާޅުވެއްޖެ

އާމިނަތު ޝަފާއާމިނަތު ޝަފާ

12 ސެޕްޓެމްބަރު 2025 - 06:33

ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަމުންދާ އިސްލާހުތައް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެ އެވެ.

އއ. ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ސިޔާސީ ބާރުވެރިކަން ދޫކޮށްލައި މާލީ ބާރުވެރިކަން ރަށްރަށުގެ ކައުންސިލުތަކަށް ދީގެން ކަމަށެވެ.

ލާމަރުކަޒީ ނިޒާމާ ބެހޭ ގާނޫނުތައް ކުރީގެ ވެރިކަމުގައި ގެނައީ ބުރަ މަސައްކަތްތަކަކާ އެކުގައިކަމަށާއި އެ މަނިކުފާނު އެ ޑްރާފްޓް ކެބިނެޓަށް ހުށަހެޅުއްވުމުން، ހުރަސްތަކެއް ކުރިމަތިވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން އެކަށައެޅުނު ކަންކަން ގާނޫނަކަށް ވެއްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ކޯލިޝަނުގެ ބައެއް ވަޒީރުން ވެސް ދެކެވަޑައިގެންނެވި ކަމަށެވެ. އެއީ ކޮން ވަޒީރުންނެއްކަން ރައީސް ސޯލިހް ހާމަކުރައްވާފައެއްނުވެއެވެ.

ގާނޫނުގެ ސަބަބުން މައި ސަރުކާރު ހިންގުމަށް ދަތިތަކެއް ހުރެދާނެ ކަމަށާއި ސަރުކާރަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ވެސް އެ ގާނޫނުން ނުލިބިދާނެކަމަށް ވިދާޅުވެ އަދުގެ ސަރުކާރުން ވެރިކަން އުޅެނީ ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ނޫންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

2028 ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރާނީ އެމްޑީޕީ ސަރުކާރަކުންކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަރުކާރެއްގައި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަމުންދާ އިސްލާހުތައް އުވާލާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބަދަލަކީ ފަސް އަހަރުގެ ދައުރުގެ ތެރެއިން އެންމެ ފަހު އަހަރު ކައުންސިލުތަކަށް ސަރުކާރުގެ ހުއްދަ ނެތި އެއްވެސް މަޝްރޫއުއެއް ނުހިންގޭ ގޮތަށް އޮތް އޮތުންކަމަށެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވި ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙުތަކުން ރައްޔިތުންނަށް ލިބޭނީ ހުސް ފައިދާކަމަށް ގިނަ ކައުންސިލްތަކުން އިއްތިފާގުވެއެވެ.

މި ބިލުގައި ވަނީ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށް، އާންމު ވިޔަފާރިތައް ހިމާޔަތްކުރުމަށް އަމާޒުކުރެވިފައިވާ އިސްލާޙްތަކެކެވެ. މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ފައިސާ ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމާއި، ކައުންސިލްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމެވެ.

މި ގާނޫނަށް ހުށަހެޅުނު އިސްލާހުތަކުގެ ސަބަބުން އާއްމު ފިޔާފާރިތައް ހިމާޔަތްވެ، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކައުންސިލްތަކުގެ މާލީ ޒިންމާދާރުކަން އިތުރުވެ، ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ފުރުޞަތުތައް ބަންދުވެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާކަމަށް ގިނަ ކައުންސިލްތަކުން އަންނަނީ ބުނަމުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder