ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު
14 ސެޕްޓެމްބަރު 2025 - 06:28
.jpg&w=3840&q=75)
ދައުލަތަށް މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 66 ޕަސެންޓް ލިބިއްޖެ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތަށް މިއަހަރު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރުވެފަ އެވެ. ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 24.3 ބިލިއަން ރުފިޔާ އެވެ.

Ad by Hajj Corporation
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 26.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އަންދާޒާކުރި އާމްދަނީގެ 66 ޕަސެންޓެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު 20.5 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ 78 ޕަސެންޓެވެ.
ޓެކްސް އާމްދަނީގެ ތެރެއިން 10.9 ބިލިއަން ރުފިޔާ ލިބުނީ ޖީއެސްޓީ އިންނެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނުއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އަދި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް 5.5 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 21 ޕަސެންޓެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން 1.2 ބިލިއަން ރުފިޔާއަކީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ. މީގެ އިތުރު ހިލޭ އެހީގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.