ހަނީފުގެ މައްޗަށް ޕީއެސްއެމްއިން 9 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ތުހުމަތުތައް

ޮޕަބްލިކް ސާވިސް މީޑިޔާ --ފޮޓޯ/ ޕީއެސްއެމް

27 ސެޕްޓެމްބަރު 2024 - 13:08
ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ ފައިނޭންސް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި، އަހްމަދު ހަނީފް ނުވަ މިލިއަން ރުފިޔާއަށް ޚިޔާނަތްތެރިވި ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގަައި، ޕީއެސްއެމް އަށް ބޭނުންވި ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާ ގެ ތެރެއިން 4,583,701 ރުފިޔާ އާއި 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އާއި އަދި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާ ގެ ތެރެއިން 4,260,295 ރުފިޔާ އާއި ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާ ގެ ތެރެއިން 190,087 ރުފިޔާ އާއި އެކު ޖުމުލަ 9,034,083 ރުފިޔ ގެއްލިފައިވާ ކަމަށް ފާހަގަކުރެވައިވާ ކަމަށެވެ.
އަދި ޑޮލަރު ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވީ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓް އިން ނަގާފައިވާ އިރު އެ ފައިސާ ގެ ތެރެއިން 4,583,701 ރުފިޔާ އަށްވީ 297,257 ޑޮލަރު ޕީއެސްއެމް އަށް ލިބިފައިނުވާ ކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ ޑޮލަރު ގަތުމަށް ނެގި ފައިސާ ގެ ތެރެއިން ޕީއެސްއެމް އަށް ލިބިފައިވަނީ ހަމައެކަނި 1,201,645 ރުފިޔާ އަށްވާ 76,731 ޑޮލަރު އެކަނި ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިފައިސާ އާއި ހަވާލުވެފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ހަނީފެވެ. ބޭންކަށް ފައިސާ ނަގަން ޕީއެސްއެމް އިން ދިޔަ މުވައްޒިފު ވެސް ވަނީ ވަނީ އޮޑިޓު ރިޕޯޓުގައި އެނާ ފައިސާ ހަވާލުކުރީ ހަނިފުއާ ކަމަށް ބުނެފައެވެ. އަދި ހަނީފު ނެތް ހާލަތެއްގައި އެ ފައިސާ ހަވާލުކޮށްފައިވަނީ ތިޖުރީގެ ބަލަހައްޓާ މުވައްޒަފުންނާއި ކަމަށް ބުނެފައިވެއެވެ.
އޭގެ ފަހުން އެއްވެސް މުއާމަލާތެއް އެ މުވައްޒަފު ލައްވައި އެއްވެސް މީހަކު ކުރުވާފައިނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި އޭނާ ވަނީ ބުނެފައެވެ. އަދި އެހެން އިތުރު މީހަކު އެ ފައިސާ އާއި ހަވާލުވިކަން ޕީއެސްއެމްގެ ރިކޯޑަކުން ވެސް ފެނިފައިނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް އޮންލައިން ޓްރާންސްފާ ހަދައިގެން ނަގާފައިވާ ފައިސާ ގެ %91 ފައިސާ އެކިފަހަރު މަތިން ޓްރާންސްފް ކޮށްފައިވަނީ ޕީއެސްއެމްގެ ހަނީފުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ޑޮލަރު ގަތުމަށް ނެގި ފައިސާ އަށް ލިބެންޖެހޭ ޑޮލަރުގެ ތެރެއިން ޕީއެސްއެމް އަށް ލިބިފައިވަނީ 76,731 ރުފިޔާކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެއް ބިލްތަކެއް ބޭނުންކޮށްގެން ޑޮލަރު ގަތުމަށް އެއް ފަހަރަށް ވުރެ ގިނައިން ފައިސާ ނަގައިފައިވުމާއި ޑޮލަރު ގަތުމަށް ފައިސާ ނެގުމަށްފަހު ބައެއް ފަހަރު ޕީއެސްއެމްގެ ރުފިޔާ އެކައުންޓުން ބިލްތަކަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޮޑިޓުރިޕޯޓުގައިވާގޮތުން ޕީއެސްއެމްގެ މުދަލާއި ފައިސާ ގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާއިމްކޮށްފައިވާ އިންޓާނަލް ކޯންޓްރޯލް ނިޒާމަށް އެއްވެސް ވަރަކަށް އަމަލުކޮށްފައެއް ނުވެއެވެ. މީގެ އިތުރަށް އެއްވެސް މުއާމަލާތާކައި ގުޅިގެން ތައްޔާރުކުރަންޖެހޭ އެއްވެސް ކަހަލަ ލިޔެކިއުމެއް ފެންނަން ނެތްކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި މައްސަލަތައް ފެންމަތިވެފައިވަނީ ޕީއެސްއެމްގެ ތިޖުރީގައި ހުރި ނަގުދު ފައިސާގެ އަދަދުތައް ލިޔެ ރައްކާކުރުމުގައި ފާހަގަ ކުރެވުނު މައްސަލަތަކުންނާއި، 2020 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ފައިސާއިން ޑޮލަރު ގަނެފައި ހުރި ނަމަވެސް، ކުންފުނީގައި ޑޮލަރު ނެތުމުގެ އިތުރުން، ކުންފުނީގެ މާލީ ހިސާބުތަކާއި ބެހޭ އެއްވެސް ލިޔުމެއް އާއްމުނުކޮށް ހުރުމާއި، އެކި ފަރާތްތަަކަށް ދީފައިވާ ލާިރީގެ އަދަދު ހާމަނުކޮށް ހުރި ހިސާބުންނެވެ. މި މައްސަލަ ފުލުހަށް ހުށައެޅިގެން ބަލަންފެށީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މައްސަލައާ ގުޅިގެން ހަނީފު ވަނީ އެ ވަޒީފާއިން ވަކިކޮށްފައެވެ.