އިސްރާއީލުގެ ހަމަލާއާ ގުޅިގެން ބާއްވާ ކުއްލި ސަމިޓަށް ތައްޔާރުވުމަށް ޢަރަބި، އިސްލާމީ ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ދޯހާގައި ބައްދަލުކުރަނީ

14 ސެޕްޓެމްބަރު 2025 - 17:44

ޤަޠަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއާ ގުޅިގެން ބޭއްވޭ ކުއްލި ސަމިޓަށް ތައްޔާރުވުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ފޮރިން މިނިސްޓަރުން އާދިއްތަ ދުވަހު ''ކްލޯޒ ޑޯރ'' މީޓިން ފަށައިފިއެވެ.
އަނަދޯލޫ އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މި ތައްޔާރީ ބައްދަލުވުމުގައި ހޯމަ ދުވަހު ދޯހާގައި ބާއްވާ ޢަރަބި-އިސްލާމީ ސަމިޓުގެ އެޖެންޑާ އެކުލަވާލާނެއެވެ. މި މުހިންމު ސަމިޓުގައި މި ސަރަޙައްދުގެ ޤައުމުތަކުގެ އިސްވެރިންނާއި އިސް އޮފިޝަލުން ބައިވެރިވާނެކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

Ad by Hajj Corporation
މި ސަމިޓު ބޭއްވުމަށް ޤަޠަރުން ގޮވާލާފައިވަނީ އަންގާރަ ދުވަހު ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ 5 މެންބަރުންނާއި ޤަޠަރުގެ ސެކިއުރިޓީ އޮފިސަރެއް މަރުވުމާ ގުޅިގެންނެވެ. މި ހަމަލާއަކީ ސަރަޙައްދީ ހަމަޖެހުމަށް އިތުރު ގޮންޖެހުމެއް ގެނެސްދިން ހާދިސާއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި 64،800 އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
މި ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި ޤަޠަރު ވަނީ އެމެރިކާ އަދި މިޞްރާއެކު މެދުވެރިއެއްގެ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ސަމިޓަކީ ސަރަޙައްދުގެ ޤައުމުތަކުން އިސްރާއީލުގެ އަމަލުތަކާމެދު އެއް އަޑަކުން ވާހަކަދެއްކުމަށާއި، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ.