އިސްރާއީލުގެ "ލޭއޮހޮރުވުމުގެ ޝައުޤު" ހުއްޓުވުމަށް ޢަމަލީ ފިޔަވަޅުތައް އަޅަންޖެހޭ: ޤަތަރުގެ އަމީރު

15 ސެޕްޓެމްބަރު 2025 - 17:38
އިސްރާއީލު ސަރުކާރުގެ "ލޭއޮހޮރުވުމުގެ ޝައުޤު" އާ ކުރިމަތިލުމަށް "ޢަމަލީ ފިޔަވަޅުތަކެއް" އެޅުމަށް ގޮވާލައްވައި، ސަރަޙައްދީ އެއްބައިވަންތަކަމަކަށް ވަރުގަދަ ކުރަންޖެހޭކަމަށް ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލު ޘާނީ، ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދޯހާގައި ބާއްވަމުން އަންނަ ޢަރަބި-އިސްލާމީ ކުއްލި ސަމިޓްގައި ތަގްރީރުކުރަށްވަމުންނެވެ.

Ad by Hajj Corporation
އަމީރު ވަނީ އެ ގައުމަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ ފަސް މެންބަރުންނާއި ޤަތަރުގެ އޮފިސަރެއް ޝަހީދުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުން ސާބިތުވަނީ ރަހީނުން ދޫކޮށްލުމަކީ އިސްރާއީލު ސަރުކާރުގެ އިސްކަންދޭ ކަމެއް ނޫންކަން ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބިންވެރިންގެ ސަރުކާރުން ބޭނުންވަނީ މި ސަރަޙައްދަށް މަތިންދާބޯޓު ފޮނުވުން އާންމު ކަމަކަށް ހެދުމަށް ކަމަށެވެ.
"އެއީ ޢަރަބި ސަރަޙައްދު އެމީހުންގެ ނުފޫޒުގެ ދާއިރާއަކަށް ހެދުމުގެ ހުވަފެނެއް ދެކޭތީ، އިސްރާއީލުން ސީރިޔާ ބައިބައިކުރުމަށް މަސައްކަތްކުރަމުންދޭ، ނަމަވެސް އެމީހުންގެ ރޭވުންތައް ކާމިޔާބު ނުވާނެ" އަމީރު ވިދާޅުވެފަވެއެވެ.
ޤަތަރުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު މާޖިދު ބިން މުޙައްމަދު އަލް-އަންސާރީ ވިދާޅުވެފައިވަނީ މި ސަމިޓުން ތަމްސީލުކުރަނީ ޢަރަބި އިސްލާމީ ސަފުތަކުގެ އެއްބައިވަންތަކަން ކަމަށެވެ.
"ޢަރަބި އަދި މުސްލިމް ލީޑަރުން އެއްވެވަޑައިގެންފައިވަނީ ޤަތަރަށް އިސްރާއީލުން ދިން ހަމަލާއާ ދެކޮޅަށް އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ އެމީހުންގެ ސްޓޭންޑް ފާޅުކުރެއްވުމަށެވެ. އެބޭފުޅުން ވިދާޅުވެފައިވަނީ އިސްލާމީ އަދި ޢަރަބި ޤައުމަކަށް އަދި އދ.ގެ މެންބަރަކަށް ދިން ހަމަލާއަކީ މިހާތަނަށް ދެވިފައިނުވާ ފަދަ ހަމަލާއެއް ކަމަށާއި، އަދި ބައިނަލްއަޤްވާމީ އަމަން އަމާންކަމަށް ނުރައްކަލެއް ކަމަށެވެ،" އަލް-އަންސާރީ ވިދާޅުވިއެވެ.
މި ކުއްލި ސަމިޓަކީ ހަމައެކަނި ބަރޯސާވުމުގެ ސަމިޓެއް ނޫނެވެ. އެހެނަސް މުޅި ދުނިޔެއަށް ދޭ މެސެޖެކެވެ. އެއީ ޢަރަބި އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާއި، ބައިނަލްއަޤްވާމީ އަމަން އަމާންކަމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ދޭ މެސެޖެކެވެ.