މާލޭ ބޮޑުތަކުރުފާނު މަގުގެ 80 އިންސަތައް މަސައްކަތް ނިމިއްޖެ
15 ސެޕްޓެމްބަރު 2025 - 11:51

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ ސީ ޗެނަލް އިންސްޓަލޭޝަންގެ 73 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި އެންކާ ބްލޮކް އިންސްޓަލޭޝަންގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

Ad by Hajj Corporation
އެމްޓީސީސީން ބުނީ މިހާރު މަގު ހެދުމާއި ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އެގޮތުން ސެގްމެންޓު 1 ގައި ހިމެނޭ ސަރަހައްދުގެ 132 މީޓަރު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި މި މަޝްރޫޢު ހިމެނެއެވެ.
މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން މަނާކޮށްފައިވާނެއެވެ. އެގޮތަށް ހަމަޖައްސާފައިވަނީ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު، ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށާއި، މަސައްކަތް ހިނގާ ސަރަޙައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައެވެ. ސަރުކާރުން އުންމީދުކުރަނީ މި މަޝްރޫޢު ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.