700 އަށްވުރެ ގިނަ ބައިވެރިންނާއެކު އަލީބާބާ ވޯކްޝޮޕް ފަށައިފި
16 ސެޕްޓެމްބަރު 2025 - 09:48

ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލީބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕް 700 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފިއެވެ.
މި ވޯކްޝޮޕް ފަށާފައިވަނީ މިއަދު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގައެވެ.

Ad by Hajj Corporation
އަލަށް ވިޔަފާރި ފަށައިގެން އުޅޭ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި އޮންލައިން ޕްލެޓްފޯމްތަކާއި ޕޯސްޓް ހިދުމަތް ދޭ ފަރާތްތަކާއި ބޭންކުތަކާއި ފްރެއިޓް ކުންފުނިތައް ހިމެނޭގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ވޯކްޝޮޕްގައި ވަނީ މީހުން ބައިވެރިވެފައެވެ.
މިފަދަ ވޯކްޝޮޕެއްގެ ސަބަބުން ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބި އަލިބާބާގައި ސެލަރ އެކައުންޓު ހުޅުވުމުގެ މަގު ފަހިވެ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމަށް ދިވެހިންނަށް ފުރުސަތު ލިބިގެންދާނެއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން ކުރިއަށްގެންދާ ވޯކް ޝޮޕެކެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.