ޤަވާއިދާ ޚިލާފަށް ހިންގި 107 ވިޔަފާރިއެއް ބަންދުކޮށްފި
3 އޯގަސްޓު 2026 - 08:03

ޤަވާއިދާ ޚިލާފަށް ހިންގަމުން އައި 107 ވިޔަފާރިއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާއިން އިސްވެ އޮވެ ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ ވިޔަފާރި ވަނީ ބަލައި ފާސްކޮށްފައެވެ.ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

Ad by Hajj Corporation
މިދިޔަ އަހަރުގެ ނޮވެންބަރ މަހު ޓާސްކް ފޯހުގެ މަސައްކަތް ފަށާފައިވާއިރު، ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް އޮޕަރޭޝަންގެ ތެރެއިން 447 ވިޔަފާރިއަކާއި ގުޅޭ ޝަކުވާ ލިބިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މިޝަކުވާތަކުގެ ތެރެއިން 247 ތަނެއް ބަލައި ފާސްކޮށް 107 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާއި އަދި ވިޔަފާރިތަކުން ޤަވާއިދާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމުން 68 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
އިޤްތިޞާދީ ވުޒާރާއިން ވަނީ އެއްވެސް ވިޔަފާރިއެއް އަލުން ހުޅުވުމުގެ ފުރުސަތު ދޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ. އަދި އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ފާހަގަވާ ކަންކަން ފުރިހަމަ ކުރުމާއެކު، އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެފައިސާ ދެއްކުމުން ނޫނީ ވިޔަފާރިތަކަށް އަލުން ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ޓާސްކް ފޯހުން ކުރިއަށްގެންދާ އިންސްޕެކްޝަންގައި ވިޔަފާރިތައް ބަންދުކުރަނީ ވިޔަފާރިތައް ރަޖިސްޓްރީނުކޮށް ހިންގުމާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތައް ހިންގަމުންދާތީއެވެ. އަދި އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒު ކުރަމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ޚިލާފުވުމުންވެސް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އަންނަނީ ބަންދު ކުރަމުންނެވެ.


