logo
MPL

MPL

ރިޕޯޓް

ދައުލަތުގެ އާމްދަނީ އިތުރުވެ ޚަރަދުތައް ކުޑަ ކުރެވިއްޖެ! ސަރުކާރުގެ މާލީ ސިޔާސަތާއެކު ކުރިއެރުން

މެންދުރު ޓީމް
1 ސެޕްޓެމްބަރު 2026 - 19:13
ދައުލަތުގެ އާމްދަނީ އިތުރުވެ ޚަރަދުތައް ކުޑަ ކުރެވިއްޖެ! ސަރުކާރުގެ މާލީ ސިޔާސަތާއެކު ކުރިއެރުން

2026 ވަނަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ މާލީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތަށް އާމްދަނީ ލިބެމުންދަނީ އަންދާޒާކުރި ތާވަލަށްވުރެ އަވަހަށެވެ. އަދި ޖުމްލަ ޚަރަދުތައް ހިފެހެއްޓިފައިވާއިރު، ރައްޔިތުންނަށް އެންމެ މުހިންމު އަސާސީ ޚިދުމަތްތަކަށް ކުރާ ހޭދަ ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.

މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ހާމަވާ ގޮތުގައި، ދުނިޔޭގެ އިގްތިސާދީ ތަދުމަޑުކަމާއި، ދަރަނީގެ ބުރަ ގޮންޖެހުންތައް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް، ރާއްޖެއިން ދަނީ ހަރުދަނާ މާލީ ހިންގުތެރިކަމުގެ ނަމޫނާއެއް ދަމަހައްޓަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ޖެނުއަރީ 1 އިން އޮގަސްޓް 27 ގެ ނިޔަލަށް ސަރުކާރަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 21.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވިޔަފާރި ފައިދާގެ ޓެކްސް، މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަދި އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ އިތުރުވުމުގެ ނަތީޖާއެވެ. މިއީ ރާއްޖޭގެ ވިޔަފާރި އަދި އިގްތިސާދީ ހަރަކާތްތަކަށް އިތުބާރު އޮތްކަން ފެނިގެންދާ ހެއްކެކެވެ.

މި ހިސާބުތަކަށް ބަލާއިރު، އަހަރުގެ މެދުތެރެއިން ކުޑަ މުއްދަތެއް ފާއިތުވިއިރު، މުޅި އަހަރަށް އަންދާޒާކުރި ޖުމްލަ އާމްދަނީގެ 69 އިންސައްތަ މިހާރު ވަނީ ހާސިލުކުރެވިފައެވެ.

ޚަރަދުތައް ހިފެހެއްޓުމާއި ތަރައްގީގެ އިންވެސްޓްމަންޓްތައް ފުޅާކުރުން

އާމްދަނީ އިތުރުވުމުގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް ކާމިޔާބީއަކީ ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމުގައި ގެންގުޅޭ ހަރުދަނާ އުސޫލެވެ. އާންމު ޚިދުމަތްތައް ފުޅާކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު ވެސް، ޖުމްލަ ޚަރަދުތައް ހުރީ ކަނޑައެޅިފައިވާ ބަޖެޓުގެ އިމުގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ޚަރަދުވެފައިވަނީ 29.96 ބިލިއަން ރުފިޔާއެވެ. މިއީ މުޅި އަހަރަށް ކަނޑައެޅި ބަޖެޓުގެ އެންމެ 61 އިންސައްތައެވެ. އަހަރުގެ 65 އިންސައްތަ މުއްދަތު ފާއިތުވެގެން ދިޔައިރު، މި މިންވަރުގައި ޚަރަދުތައް ހިފެހެއްޓިފައި ހުރުމަކީ ބަޖެޓު ރޭވުންތެރިކަމާއެކު ތަންފީޒުކުރެވެމުންދާ ކަމުގެ ހެއްކެކެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިހާތަނަށް ހޭދަކުރެވިފައިވަނީ ކެޕިޓަލް ބަޖެޓުގެ 41 އިންސައްތައެވެ. މިކަމުގެ ސަބަބުން، އަހަރުގެ ބާކީ އޮތް މުއްދަތުގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ ޖާގަ ވަނީ ތަނަވަސްކުރެވިފައެވެ. މީގެ އިތުރުން، ބަޖެޓުގައި ކަނޑައަޅާފައިވާ 400 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ރިޒާވް ބޭނުންކުރަން ނުޖެހި ހުރުމަކީ ވެސް މާލީ އަދަބުވެރިކަން ދަމަހައްޓަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ.

ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދިނުން

މާލީ ހިސާބުތަކުން ފެންނަ ކުރިއެރުމުގެ މައިގަނޑު އަސާސަކީ ސަރުކާރުގެ އަމާޒު ހުރި ސިޔާސަތުތަކެވެ. ބޭކާރު ހޭދަތައް ހުއްޓުވައި، ދައުލަތުގެ މާލީ ވަސީލަތްތައް އަމާޒުކޮށްފައިވަނީ ސީދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަނގަޅުކުރުމަށެވެ. އެގޮތުން ބަލާއިރު؛

  • ތައުލީމީ ދާއިރާ: މިއީ އެންމެ ބޮޑު އިސްކަމެއް ދެވިފައިވާ އެއް ދާއިރާއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މަތީ ތައުލީމުގެ ދާއިރާއަށް ކުރި ހޭދަ މިހާރު ވަނީ 3.53 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
  • ސިއްހީ ދާއިރާ: މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް ވަނީ ބޮޑުތަނުން ފުޅާކޮށްފައެވެ. ސިއްހީ އަދި އިޖުތިމާއީ ވުޒާރާއިން 1.72 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އާސަންދަ ސްކީމަށް 1.45 ބިލިއަން ރުފިޔާ އަދި އައިޖީއެމްއެޗްގެ ޚިދުމަތްތައް ތަރައްގީކުރުމަށް 1.25 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
  • އިޖުތިމާއީ ރައްކާތެރިކަން: ދިރިއުޅުމުގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށްޓަކައި، ސަބްސިޑީގެ ގޮތުގައި 3.54 ބިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ. މިއީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޖުމްލަ ގޮތެއްގައި މި ހިސާބުތަކުން ސާބިތުވަނީ، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމެވެ. އަދި ބަޖެޓު ހަމަޖެއްސުމަށް މަސައްކަތްކުރަނީ ދަނީ ތައުލީމާއި، ސިއްހަތު އަދި އިޖުތިމާއީ ރައްކާތެރިކަމަށް އިސްކަންދީގެންނެވެ.

ބަޖެޓް ޑެފިސިޓް ކޮންޓްރޯލް ކުރެވިފައިވުން

ދައުލަތުގެ ބަޖެޓް ޑެފިސިޓް 2.04 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މިއީ އަމާޒުކުރި މިންވަރަށްވުރެ މާ ބޮޑުތަނުން ދަށް އަދަދެކެވެ. މުޅި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އަހަރީ ޑެފިސިޓް ހުންނާނެކަމަށް ލަފާކޮށްފައިވަނީ 8.84 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން، މިހާތަނަށް ޑެފިސިޓް ވެފައިވަނީ އަންދާޒާކުރި އަދަދުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ވެސް ކުޑަ މިންވަރެކެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދަރަނި އަދާކުރުމާއި އިންޓަރެސްޓް ނުހިމަނައި ހިސާބުކުރާ "ޕްރައިމަރީ ބެލެންސް" 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި (ފައިދާގައި) އޮތުމެވެ. މިއީ ސަރުކާރުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ ޚަރަދުތައް ދެކޮޅުޖެހި، ކުރިއެރުން ލިބެމުންދާކަމުގެ ވަރުގަދަ ހެއްކެކެވެ. ޖުމްލަ ޑެފިސިޓްގެ ބޮޑުބައެއް ހިއްސާކުރަނީ ނިމިދިޔަ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނިތައް ދެއްކުމާއި އޭގެ އިންޓަރެސްޓް ޚަރަދުތަކެވެ.

މާނައަކީ، ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ކުރީގެ ދޯހަޅި މާލީ ސިޔާސަތުތަކާއެކު ނަގާފައިވާ ދަރަނިތައް ފުރިހަމައަށް އަދާކުރަމުން، ދައުލަތުގެ ހިންގުމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓަމުންނެވެ.

އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު

ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކަށް އޮތް އިތުބާރު ރާއްޖޭގެ ދަރަނީގެ ބާޒާރުން ވެސް ސާފުކޮށް ފެންނަން އެބައޮތެވެ. އޮގަސްޓް 24 ގެ ނިޔަލަށް ދައުލަތުގެ ސެކކިއުރިޓީޒްގެ ގޮތުގައި 99.3 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މީގެ ތެރޭގައި ޓްރެޒަރީ ބިލް، ޓްރެޒަރީ ބޮންޑް އަދި އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓްތައް ހިމެނެއެވެ. މިއީ ސަރުކާރުގެ މާލީ ހިންގުމަށާއި ގައުމުގެ އިގްތިސާދަށް އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެއް

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކަކީ ހަމައެކަނި ބަޖެޓުގެ އަދަދުތަކެއް ނޫނެވެ. މިއީ އިގްތިސާދީ ހަމަޖެހުމާއި ތަރައްގީ އެކުއެކީގައި ކުރިއަށްދާކަން އަންގައިދޭ މުހިންމު ކާމިޔާބީތަކެކެވެ:

  • ދައުލަތުގެ އާމްދަނީގެ ދުވެލި ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.
  • ސަރުކާރުގެ ޖުމްލަ ޚަރަދުތައް ވަނީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިފެހެއްޓިފައެވެ.
  • ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ދަނީ މުހިންމު އިންވެސްޓްމަންޓްތަކެއް ކުރެވެމުންނެވެ.
  • ތައުލީމީ ދާއިރާއަށް ކުރާ ހޭދަ ދަނީ މެދުކެނޑުމެއްނެތި ފުޅާވަމުންނެވެ.
  • އިޖުތިމާއީ ސަބްސިޑީތަކުގެ އެހީގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ވަނީ ލުއިކޮށްދެވިފައެވެ.
  • ދައުލަތުގެ އަސާސީ ހިންގުމުގެ ބަޖެޓުން ފައިދާ ވަމުންދާއިރު، ކުރީގެ ސަރުކާރުތަކުގެ ދަރަނިތައް ދަނީ ޒިންމާދާރުކަމާއެކު އަދާކުރަމުންނެވެ.

އިގްތިސާދީ ދަތި އުނދަގޫ ނިންމުންތައް ގިނަ ގައުމުތަކަކުން ނިންމަންޖެހިފައިވާ މި ދަނޑިވަޅުގައި، މާލީ ހަރުދަނާ ސިޔާސަތަކާއެކު އާންމު ޚިދުމަތްތައް ތަރައްގީކުރުމަކީ އެކުއެކީގައި ހާސިލުކުރެވިދާނެ ކަމެއް ކަމުގައި މި ސަރުކާރުން މިވަނީ ސާބިތުކޮށްދީފައެވެ. ފަހުގެ ހިސާބުތަކުން ސާފުވަނީ، ދައުލަތުގެ މާލީ ހަމަޖެހުން ހިފަހައްޓަމުން، ގައުމުގެ ދެމެހެއްޓެނިވި މުސްތަގުބަލަށް އިންވެސްޓްކުރުމުގައި ސަރުކާރުން ހަރުދަނާ ނަތީޖާތަކެއް ނެރެމުންދާ ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އާމްދަނީ އިތުރުވެ ޚަރަދުތައް ކުޑަ ކުރެވިއްޖެ! ސަރުކާރުގެ މާލީ ސިޔާސަތާއެކު ކުރިއެރުންރިޕޯޓް | ގަޑިއިރެއް ކުރިންއަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ފިހާރަތަކަށް ހުޅުވާލައިފިޚަބަރު | 21 ދުވަސް ކުރިންޤަވާއިދާ ޚިލާފަށް ހިންގި 107 ވިޔަފާރިއެއް ބަންދުކޮށްފިޚަބަރު | މަހެއް ކުރިންރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް އޭޕްރީލް މަހު ފަށަނީޚަބަރު | 10 މަސް ކުރިން