ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކާ: ރައީސް
17 ސެޕްޓެމްބަރު 2025 - 10:37

ދުންފަތް މަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ދުޅަހެޔޮ މުސްތަޤްބަލަކަށް އެޅި ފިޔަވަޅުތަކެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation
މި ޕޮޑްކާސްޓްގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ސުވާލު ދެންނެވީ، ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، ކޮމިއުނިކޭޝަންސް އަހްމަދު ޝަކީބްއެވެ.
މި ޕޮޑް ކާސްޓްގައި، ޖެނެރޭޝަނަލް ބޭންއާ ގުޅޭ ބަދަލާ އެކީގައި، އެކަން ތަންފީޒުވާން ކަނޑައަޅާފައިވާ މުއްދަތު މިހާ ކައިރިވެފައިވާއިރު، ގާނޫނަށް ގެނެވުނު ބައެއް ބަދަލުތައް ތަންފީޒުވާން ފަށާނީ ކިހިނެއްތޯ އައްސަވައި އެމަނިކުފާނާ ވަނީ ސުވާލު ކުރިމަތިކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ވަރަށް ރަނގަޅަށް އެ ގާނޫނުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ޖެނަރޭޝަނަލް ބޭންގެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، 2007 ވަނަ އަހަރުގެ ޖަނަވަރީއިން ފެށިގެން އުފަންވީ ހުރިހާ އެންމެންނާއި އުފަންވާން ތިބި ހުރިހާ ދިވެހީންނަށް ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން. 1 ނޮވެންބަރުން ފެށިގެން މަނާވާނެކަމަށެވެ.
" މިއީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި، ޞިއްޙަތަށްޓަކައި އަޅުގަނޑުމެން އުފަލާއެކީގައި ކުރި ވަރަށް ރަނގަޅުކަމެއް. ރައްޔިތުން ވަރަށް ބަލައިގަންނަ ކަމެއް. ޒުވާންކުދިން ވަރަށް ބަލައިގަންނަ، އެ ކުދިންނަށްޓަކައި ކުރެވުނު ވަރަށް ރަނގަޅުކަމެއް. އިރާދަކުރެއްވިއްޔާ އެކަން ވަރަށް ކާމިޔާބުކަމާ އެކީ ދިވެހިރާއްޖޭގައި ތަންފީޒުވެގެންދާނެ." ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހެއް ގެނައީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. އަދި މޭ މަހުގެ 21 ވަނަ ދުވަހު އެ ބިލު ރައީސް ތަސްދީގުކުރެއްވިއިރު، އެ އިސްލާހުގައި ބުނެފައި ވަނީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުންވެސް އެ އިސްލާހުގައި ވަނީ މަނާކޮށްފައެވެ.