ނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ފުޅާ ދާއިރާގައި ޔަޤީންކޮށްދީފިން: ރައީސް
27 ޖުލައި 2026 - 17:42

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާގައި މިހާރު ޔަޤީންކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ ނޫސްވެރިންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ނޫސްވެރިންނަށް ޖެހިފައި އޮންނަނީ އެކި ފަރާތްތަކުގެ ސްޕޮންސަރޝިޕަށް ބަރޯސާވާން ކަމަށާއި، މި ބަދަލާއެކު އެކަން ނިމުމަކަށް އަންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
''ނޫސްވެރިން އަބަދުވެސް އުޅެންޖެހިފައި އޮންނަނީ، ކޮންމެވެސް ފަރާތަކުން ސްޕޮންސަރޝިޕް ހޯދުމާ، މިފަދަ ގޮތްގޮތަކަށް. އެކަން ނިމުމަކަށް ގެނައުމަށް އެހީވުމަށްޓަކައި ދައުލަތުން މިވަނީ މިހާރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން، ވަކި އިންސައްތައެއް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ނޫސްވެރިންނަށް ފައިސާގެ ގޮތުގައި ދޭން ފަށާފައި. ނޫސްވެރިން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ނޫސްތައް ހިންގަންޖެހުނީމަ، އެކި ފަރާތްތަކުގައި ސަލާންޖަހަންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދީ، ނޫސްވެރިން އެ އަޅުވެތިކަމުން މިނިވަންކޮށްދިނުމަށްޓަކައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދިނުމުގެ މަސައްކަތް މިހާރު އެވަނީ ގާތްގަނޑަކަށް ނިމިފައި. އެ ތަނުން ވަރަށް ވަރަށް ކުޑަ އަގެއްގައި، ރަމްޒީ އަގެއްގައި ނޫސްވެރިންނަށް، މީޑިއާތަކަށް ޖާގަ ކުއްޔަށް ލިބޭނެ. ސްޓޫޑިއޯ ކުއްޔަށް ލިބޭނެ. ވަރަށްފުޅާމިނުގައި ނޫސްވެރިކަން، މީޑިއާ ހިންގުމަށް އަޅުގަނޑުމެން މިވަނީ ކަންކަން ފަހިކޮށްދީފައި.'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ ސަބަބުން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅެންޖެހޭ އަޅުވެތިކަމުން ނޫސްވެރިން މިނިވަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ އަދަދެއްގެ ތަމްރީނު ކޯސްތައް ހިންގަމުންދާކަމާއި، މިދިޔަ ދެ އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އަލަށް 72 ނޫހެއް ރަޖިސްޓަރީކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި އޮތްކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، މިނިވަންކަމާއެކު ޒިންމާތަކެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މީހުންގެ އަބުރަށް އަރައިގަތުމާއި، އިންސާނީ ކަރާމާތް ނަގާލުމަކީ އެއްވެސް ތަނެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޚާއްޞަކޮށް އިސްލާމީ ޤައުމެއްގައި އެފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އޮންނަންޖެހޭނެ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.


