logo
Bank of Maldives

Bank of Maldives

ރިޕޯޓް

މީޑިއާގެ އައު ޤާނޫނު: އަބުރާ ބެހުމުގެ ވިޔަފާރި އާއި ދެކޮޅަށް އެޅުނު ހަރުދަނާ ފިޔަވަޅެއް!

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ސެޕްޓެމްބަރު 2025 - 09:43
މީޑިއާގެ އައު ޤާނޫނު: އަބުރާ ބެހުމުގެ ވިޔަފާރި އާއި ދެކޮޅަށް އެޅުނު ހަރުދަނާ ފިޔަވަޅެއް!

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު،   16 ސެޕްޓެންބަރު 2025 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) އިން 60 މެމްބަރުންގެ ބިޔަ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މި ބިލު ފާސްކުރީ މި ބިލުގެ ބައެއް މާއްދާތަކާއި ގުޅިގެން ބައެއް ނޫސް މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔުމާއި ގުޅިގެން އެކަން ބޮޑުވުންތަކަށް ރިއާޔަތްކުރަށްވައި ބަންޑާރަނައިބުގެ އޮފީހުން ބިލަށް ހުށަހެޅި އިސްލާހްތައް ކޮމެޓީ މަރުހަލާގައި ބިލުގައި ހިމެނުމަށްފަހުއެވެ. އަދި އެއިގެ ފަހުން ވެސް ބައެއް އިސްލާހްތައް ބޭނުންވާކަމަށް ފާހަގަކުރެވި، ބިލުގެ ކޮމެޓީ ރިޕޯޓުގެ މަސައްކަތް ނިންމައި ތަޅުމުން ފާސްކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި ވެސް ސަރުކާރުގެ ފަރާތުން އިސްލާހްތަކެއް ހުށަހަޅައި އިތުރު އިސްލާހްތަކެއް ވަނީ މި ބިލަށް ގެނެސްފައެވެ. ޖުމްލަ ގޮތެއްގައި ބިލު ފާސްކޮށްފައި ވަނީ ނޫސްވެރިންގެ ޖުމްލަ ކަންބޮޑުވުންތަކަށް ހައްލުގެނެސްދިނުމަށްފަހުގައެވެ. އަދި މީހުންގެ އަބުރާއި ކަރާމަތަށް ހުރުމަތްތެރިކޮށްހިތައި، ދޮގު ފެތުރުމުން އެއްކިބާވެތިބެ ތެދުމައުލޫމާތު ހާމަކޮށްދީ، ލިޔެ، ކިޔޭނެ ހަމައަޅައިދީ، އަބުރުވެރި މިނިވަން ނޫސްވެރިކަމަކަށް އައު ސަފުހާއެއް މި ބިލުން ވަނީ ވަނީ ހުޅުވާލަދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

18 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބިލު ތަޞްދީޤުކުރައްވާފައެވެ. އަދި މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރަށްވާ ހިސާބުން މި ޤާނޫނަށް ޢަމަލުކުރަން ފެށުނީކަމަށް މި ބިލުގައި ހިމެނިފައިވުމާއެކު، ރައީސް ބުރާސްފަތި ދުވަހު މި ބިލު ތަޞްދީޤުކުރައްވައި، ރައީސް އޮފީހުން މި ޤާނޫނު ގެޒެޓްކުރެއްވުމާއެކު މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކިތައްމެ ރަނގަޅަށް ކަމެއް ކުރިނަމަވެސް އެކަމެއް ކަމުނުދާ ބަޔަކު ތިބޭނެއެވެ. އެއީ އިންސާނީ ތަބީއަތެވެ. މި ޤާނޫނާއި މެދު ވެސް ބައެއް ފަރާތްތަކުން، ޚާއްޞަގޮތެއްގައި އިދިކޮޅުން އިސްވެތިބެ އަންނަނީ ރަނގަޅުނޫން ތަސައްވުރެއް އުފައްދަމުންނެވެ. އިދިކޮޅު ފިކުރަށް ތަބާވާ މަދު ނޫސްވެރިން ލައްވައި ވެސް އަންނަނީ ބައެއްކަންކަން ކުރުވަމުންނެވެ. ކަން މިހެން އޮތްއިރު، އަސްލު މި ގާނޫނުގައި އޮތްއެއްޗެއް އަމިއްލަ އަށް ކިޔާލައި ފަހުމްކޮށްލުމަކީ އެންމެ ރަނގަޅުގޮތެވެ.

މި ޤާނޫނު ކިޔާލި އަހުމަދު އަބޫބަކުރު ބުނިގޮތުގައި އޭނާ އަށް ފެނުނީ ''އަބުރާ ބެހުން ވިޔަފާރިއަކަށް ހެދުން'' މި ޤާނޫނުން ހުއްޓިގެން ދިޔަ މަންޒަރެވެ. ސާމިޔާ އަނީސް ބުނިގޮތުގައި ''އަނެކާ އާއި މެދު އޮންނަ ނަފުރަތުގައި ހިތުހުރި އެއްޗެއް ކިޔައި ލިޔެ ނަފުރަތު އުފައްދައި އަނެކުންގެ އަބުރު ކަތިލުމުގެ ޢަމަލުތައް'' މި ޤާނޫނުން ހުއްޓުވާލަދެއެވެ. އިބްރާހީމް އީސާ ބުނިގޮތުގައި ''ތެދު ލިޔާ، ކިޔާ މީހަކު މި ގާނޫނާއި މެދު ކުޑަކޮށްވެސް ޖެހިލުންވާން ޖެހިދާނެކަމަށް'' އޭނާ އަކަށް ނުފެނެއެވެ. ހަލީމަތު މުނާ ބުނިގޮތުގައި މުޖުތަމައުގެ އަދަބު އަޚްލާގް ހިފަހައްޓައި، އިސްލާމީ މުޖުތަމައެއްގެ ސިފަތައް ހިފަހައްޓަން މި ގާނޫނުން ބާރުލިބޭތީ އޭނާ އަށް ފެނެއެވެ. މި ބޭފުޅުންގެ މި ބުނުންތަކާއެކުވެސް ބަޔަކު ދައްކާހާ ވާހަކަގައިގައި ނުޖެހި އެންމެ ރަނގަޅު ގޮތަކީ މި ގާނޫނުން ހާސިލްވާނެ ކަންކަން އަމިއްލައަށް ދިރާސާކޮށްލުންކަން އެނގިގެން ހިނގައްޖެއެވެ. ތިބާގެ ބިޒީ ދިރިއުޅުމުން މުޅި ޤާނޫނު ކިޔައިބަލަން ފަހަރުގައި ވަގުުތު ނުވެދާނެއެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ މި ޤާނޫނުގެ ތެރެއަށް ފީނައިބެލުމުން ޖުމްލަގޮތެއްގައި ހާސިލްވާނެ ކަމަށް ފެނުނުކަންކަމެވެ.

އެކަންކަމަކީ،

  • މި ޤާނޫނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްޤީކޮށް ދަމަހައްޓައިދެއެވެ.
  • މި ޤާނޫނުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ޤާއިމުކޮށްދެއެވެ.
  • މި ޤާނޫނުން، ދިވެހިރާއްޖޭގައި އެކި ބާވަތުގެ ނޫސް މަޖައްލާ، ބްރޯޑްކާސްޓް، ރީބްރޯޑްކާސްޓް އަދި މިނޫންވެސް ހުރިހާ މީޑިއާގެ ޚިދުމަތްތައް ދިނުމުގެ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ޤާއިކޮށްދެއެވެ.
  • މި ޤާނޫނުން ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި، ނޫސްވެރިން މަޢުލޫމާތު ހާމަކުރުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ކަނޑައަޅައި، އެ ފަރާތްތަކުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައެޅިގެން ދެއެވެ.
  • މިޤާނޫނުން ޚަބަރު ފެތުރުމުގައި މުޖުތަމަޢުގައި މީޑިއާ އަދާކުރާ ދައުރަށް ޢާންމު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކޮށްދެއެވެ.
  • މި ޤާނޫނުން ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާބެހޭ ލުއި މިންގަނޑުތަކެއް ކަނޑައަޅައި ތަޢާރަފުވެގެންދާނެއެވެ.
  • މި ޤާނޫނުން ދޮގު މަޢުލޫމާތާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ކަނޑައެޅިގެން އެފަދަ މަޢުލޫމާތު ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅި މުޖުތަމައުގެ ކަރާމަތް ހިފެހެއްޓިގެންދާނެއެވެ.
  • މި ޤާނޫނުން ވަކި ބޭނުމެއްގައި ނުވަތަ ވަކި މަޤްޞަދެއް ޙާޞިލުކުރުމުގެ ބޭނުމުގައި ކަންކަމުގެ ޙަޤީޤަތް ވަންހަނާކޮށް ނުވަތަ ކަމެއް ނުވަތަ ކަންތައްތަކެއް ކަނޑައެޅިގެން އޮޅުވާލުމަށްޓަކައި، މީޑިއާތައް މެދުވެރިކޮށް ވަކިވަކި ފަރުދުން، ނުވަތަ ޖަމާޢަތް ހަދައިގެން، ރޭވިގެން ނުވަތަ ތަރުތީބުކުރެވިގެން ހިންގާ ކަންކަން ހުއްޓުވައި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ މީޑިއާތަކާމެދު ފިޔަވަޅުއެޅި، މީހުން އަބުރާއި އިއްޒަތުން ނަފްސް ދޮގާއި އޮޅުވާލުމާއި ޚަރާބުކުރުމުން ސަލާމަތްކޮށްދެއެވެ.

މި ޤާނޫނުގެ ފުނަށް ފީނައިލުމުން ފެނިގެން ދިޔައީ ތަހުޒީބު މުޖުތަމައެއްގައި، އިންސާނާގެ އަބުރާއި ޢިއްޒަތުއް ނަފްސަށް ހުރުމަތްތެރިކޮށް ހިތައި، އަދި ލިޔާ މީހާ އާއި ކިޔާ މީހާ އަށް ވެސް އަބުރާއި އަމިއްލަ ނަފްސް ރިޝްވަތާއި ނުފޫޒުން ސަލާމަތްކުރެވޭނެ ހަމަ އަޅައިދީފައިވާތަނެވެ. ތެދު ބަހުން، މިނިވަންކަމާއި އެކު ލިޔެ ކިޔައި އުޅެވޭނެ މަގު ހުޅުވާލަދީފައިވާ ތަނެވެ.

އަޅުގަނޑުމެންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނުހަނު ބޮޑު ތެދުފުޅެކެވެ. ކޮންމެ ކަމެއްގައިވެސް އުސޫލުތަކާއި ހަމަތައް ހުންނާނެއެވެ. އަޅުގަނޑުމެން މުސްލިމުންނަށްވީތީ އަމުދުން އަޅުގަނޑުމެންނަށް ތަބާވާންހެގޭ އިލާހީ ޤާނޫނުނު ވެސް އެބަވެއެވެ.

''އަޅުގަނޑުމެންގެ އޮންނަންޖެހޭނެ ހަމަތަކެއް. އިސްލާމީ ހަމަތަކެއް. އިންސާނީ ހަމަތަކެއް. އެހެންވީމާ، ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން. އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ. އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން. އެހެންވީމާ، ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއްކަން އަޅުގަނޑެއްނޫން ކަނޑައެޅީކީ. މަތިން اللهُ سُبْحَانَهُ وَتَعَالَى އެކަން ކަނޑައެޅުއްވީ. އެހެންވީމާ، އެ އަބުރު ރައްކާތެރި ކުރުމަކީ އެއީ ކޮންމެ މީހެއްގެވެސް ޙައްޤެއް. އަދި އަނެކާގެ ޒިންމާއެއް.'' "ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 9 ގައި 17 ސެޕްޓެމްބަރު 2025 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އެއީ އަޅުގަނޑުމެން އެކަކުވެސް ކޮންމެހެން ބަހުސެއްވެސް ކުރަންއޮތްކަމެއްނޫން ކަމެލެވެ. އަމުދުން ރާއްޖޭކަހަލަ 100 ޕަސެންޓް މުސްލިމް އިސްލާމީ ޤައުމެއްގައި އެކަމަށް އެއްވެސް ބަހުސެއްއޮވެގެން ނުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

'' ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކެން މި އޮތީ. ބޭނުން ވާހަކައެއް ދައްކަންވީ. ތެދު ޙަޤީޤަތާ އެއްގޮތަށް ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކޭނެ. ކޮންމެ އެއްޗެއްވެސް ލިޔެވޭނެ. ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކުރިއޭޓް ކުރެވޭނެ. ތެދު ޙަޤީޤަތާ އެއްގޮތަށް. އެހެންވީމާ، އެކަން ކުރާށޭ. އޭގެ ބަދަލުގައި، އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގުވާހަކަތައް ފެތުރުން އެއީކީ އަޅުގަނޑު ހިތުން ހަމަ ޔަޤީނުންވެސް މި ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއްނޫން.'' ރައީސް ވިދާޅުވެފަވެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނެވެ. އެ ޤާނޫނަކީ ވިޔަފާރިއަށް މީހުންގެ އިއްޒަތުންނަފްސް ހަވަރަށް ދިނުން ހުއްޓުވާނެ ވަސީލަތެކެވެ. ނޫސްވެރިންނަށް ނުފޫޒުން ސަލާމަތްވެތިބެ، ތެދު ހާމަކުރަން ލިބިދިން ރަނުގެ ފުރުސަތެވެ. މުޖުތަމައުގެ ވީދެމުންދާ ފޭރާން އަދަބު އަޚްލާގް ހަމައިން ޖަރީކުރުމަށް ކޮށާލަދިން މަގެކެވެ. ހުރިހާ މާނައެއްގައިވެސް އަދު ދިވެހި މުޖުތަމައު އެ ޤާނޫނަކަށް އެދިގޮވާ ޤާނޫނެކެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާގެ އައު ޤާނޫނު: އަބުރާ ބެހުމުގެ ވިޔަފާރި އާއި ދެކޮޅަށް އެޅުނު ހަރުދަނާ ފިޔަވަޅެއް!ރިޕޯޓް | 5 ދުވަސް ކުރިންފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް ޚަބަރު | 11 ދުވަސް ކުރިންނޫސްވެރިން އެކްރެޑިޓްކުރާނެ އައު އުސޫލެއް އެކުލަވާލައިފިޚަބަރު | 24 ދުވަސް ކުރިން''މިއީ ނުފޫޒުން ސަލާމަތްކޮށްދޭނެ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް''ރިޕޯޓް | މަހެއް ކުރިން