ފުޓްސަލް އޭސިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އަފްޣާނިސްތާނު އަތުން ބަލިވެއްޖެ
20 ސެޕްޓެމްބަރު 2025 - 10:54

އަންނަ އަހަރުގެ ޖަނަވަރީ މަހުގައި އިންޑޮނީޝިއާގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފުޓްސަލް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ރާއްޖެ އަފްޣާނިސްތާނުއަތުން ބަލިވެއްޖެއެވެ.
ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އެޗްގެ މެޗުތައް މިޔަންމާގައި ކުޅޭއިރު، މިއަދު ކުޅުނު މެޗުގައި އަފްޣާނިސްތާނު އަތުން ރާއްޖެ ބަލިވީ 10-1 އިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައު އަފްޣާނިސްތާނުން ވަނީ ރާއްޖެ ކޮޅަށް 7 ގޯލުޖަހާފައެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން އާހިތްވަރަކާއެކު ނިކުމެ ދެވަނަ ހާފުގެ ފުރަތަމަ ގޯލުވެސް ވަނީ ރާއްޖެއިން ޖަހާފައެވެ. މިގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ނަމަވެސް މިހާފުގައިވެސް އަފްޣާނިސްތާނުން ވަނީ ޖުމްލަ 3 ގޯލު ޖަހާފައެވެ. ކޮލިފިކޭޝަންގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު
ފުޓްސަލް އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއާއި އެއް ގްރޫޕެއްގައި ހިމެނެނީ އަފްޣާނިސްތާނުގެ އިތުރުން މިޔަންމާއެވެ. ކޮލިފިކޭޝަން ފަހުމެޗުގައި މި ގްރޫޕްގެ ހޯސްޓް ޤައުމު މިޔަންމާއާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ އަންނަ ހޯމަދުވަހުގެ ރާއްޖެ ގަޑިން 2:30 ގައެވެ.
މީގެކުރިން 2023 ވަނަ އަހަރުގައިވެސް ރާއްޖޭގެ ފުޓްސަލް ޓީމު މިމުބާރާޓުގެ ކޮލިފައިން ކުޅެފައިވެއެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
ރާއްޖޭގައި ފުޓްސަލް އާޓިފިޝިއަލް ޓާފުގައި ކުޅެފައި މިފަދަ މުބާރާތަކަށް އިންޑޯ ކޯޓުގައި ކުޅެންޖެހުމުން އެކަމުގެ ގޮންޖެހުންތައް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރިމަތިވެއެވެ. ނިސްބަތުން ރާއްޖޭގެ އެންމެ ގިނަބަޔަކު މިހާރު ބަލާ ކުޅިވަރަކީ ފުޓްސަލްއަށް ވެފައި، ރާއްޖޭގައި ނިސްބަތުން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިނަމަވެސް ރާއްޖޭގައި އިންޑޯ ފުޓްސަލް ކޯޓެއް ނެތުމުގެ ސަބަބުން މިފަދަ މުބާރާތްތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވެއެވެ.


