ސާފް މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފި
30 ޑިސެމްބަރު 2025 - 05:42

އަންނަ އަހަރު ބާއްވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕަކަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފިއެވެ.
17 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ފުޓްސަލް ޓީމު ޓްރެއިނިން ކޭމްޕަށް ޗައިނާއަށް ފުރީ މިއަދު ހެނދުނުއެވެ.

Ad by Hajj Corporation
ޓްރެއިނިން ކޭމްޕަށް 17 ކުޅުންތެރިން ފުރި ނަމަވެސް މުބާރާތުގެ ފައިނަލް ސްކޮޑުގައި ހިމެނޭނީ ޖުމްލަ 14 ކުޅުންތެރިންނެވެ. އެ ސްކޮޑު ފައިނަލް ކުރާނީ ތަމްރީނު ކޭމްޕަށް ފަހުއެވެ.
ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން، ތަމްރީން ކޭމްޕަށްފަހު ރާއްޖެ ނައިސް ދާނީ، މުބާރާތް އޮންނަ ތައިލެންޑަށެވެ.
އަންނަ ޖެނުއަރީ މަހުގެ 14-26 އަށް ތައިލެންޑުގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުކުރުމަށް ހެޑް ކޯޗަކަށް އެފްއޭއެމްއިން ހަމަޖައްސާފައިވަނީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައެވެ.
މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ލަންކާއާއި ބޫޓާނެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮލަށެވެ. ރާއްޖެއިން ދެވަނަ މެޗުގައި 16 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި 20 ވަނަ ދުވަހު ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަތަރު ވަނަ މެޗުގައި 22 ވަނަ ދުވަހު ރާއްޖެއިން ވާދަކުރާނީ ނޭޕާލްއާއެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ފަސްވަނަ މެޗުގައި 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަވަނަ މެޗުގައި 26 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.


