ގަވާއިދާ ހިލާފަށް ލަންކާގައި ކޯސްތަކެއް ހިންގާތީ ކިޔަވަންދާ ފަރާތްތަކުން ސަމާލުވާން އެދިއްޖެ
21 ސެޕްޓެމްބަރު 2025 - 05:40

ސްރީލަންކާގެ ކަމާ ބެހޭ އޮތޯރިޓީތަކުން ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް ބައެއް އިންސްޓިޓިއުޝަންތަކުން މަތީ ތަޢުލީމުދޭ ޕްރޮގުރާމްތަކެއް ހިންގާތީ އެ ޤައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން އިލްތިމާސްކޮށްފިއެވެ.
އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަދޭ މިގަނޑާ ޚިލާފަށް އެ މިންގަނޑުން ބޭރުން އެ ޤައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް އެ ތަންތަނުން ހިންގާ ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

Ad by Hajj Corporation
އެހެންކަމުން ހުއްދަ ދީފައިވާ މިގަނޑާ ޚިލާފަށް އެ ތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް މީގެ ފަހުން އެމްކިޔުއޭއިން ޤަބޫލުނުކުރާނެކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އަދި ލަންކާއަށް ދަރިވަރުން ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމުކަމެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔަރ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށެވެ. އަދި ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށްވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.
އެމްކިޔުއޭއިން  ބުނީ އެ އޮތޯރިޓީން ޤަބޫލުކުރާނީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ. އަދި ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްކިޔުއޭއިން ވަނީ ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްތުކުރާ މަރުކަޒަކީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ މަރުކަޒެއްކަން ކަށަވަރުކޮށް، އެ އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގުރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުކޮށްފައެވެ. 


