ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި
26 އޮކްޓޯބަރު 2025 - 17:38

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ މައްޗަށް ހައިކޯޓުން ކުރި އަމުރު، ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

Ad by Hajj Corporation
މި މައްސަލައަކީ ގދ. ތިނަދޫ، ޓުވައިލައިޓް، ޝައްމޫން އާދަމާއި މ. ސިނައެކަތަ، ފާތިމަތު މުމްތާޒާ އަދި ނ. ވެލިދޫ، މަނާމް، ނިއުމާ މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. އެ ތިން މީހުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
މި ތިން ފަރާތުން ދައުވާކުރީ، އެމްކިޔުއޭ އިން ގަބޫލުކުރާނެ ކަމަށްބުނެ ލިޔުން ލިބިގެން، ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންދިޔަ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް އެމްކިޔުއޭ އިން ނިންމުމާ ގުޅިގެންނެވެ. އެމްކިޔުއޭ އިން މި ނިންމުން ނިންމާފައިވަނީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، ”ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު“ އަށް ހަވާލާދީ ކަމަށް ދައުވާގައި ބުނެފައިވެއެވެ. އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަ ކަމަށް އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާ ގުޅިގެންނެވެ.
ހައިކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އެ ތިން މީހުންގެ ސެޓްފިކެޓް ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެއީ އެ ކޯސް ގަބޫލު ނުކުރާނެ ކަމަށް އެމްކިއުއޭއިން އެންގީ އެ މީހުން ކިޔަވަން ފެށިފަހުން އެމްކިއުއޭއިން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށްގެން ކަމަށްވާތީ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކޯސް ބަލައިގަންނާނެ ކަމަށް އެމްކިއުއޭއިން ކުރިން އަންގާފައިވީ ނަމަވެސް އޭރު އެގޮތަށް އަމަލުކުރީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށެވެ. އަދި ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި އެމްކިއުއޭއިން ދޫކުރި ލިޔުމަކަށް ބިނާކޮށް އެ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ. އެމްކިއުއޭއިން ގާނޫނީ އިމުން ބޭރުން ފޮނުވި ލިޔުމަކާ އެއްގޮތަށް އަމަލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، އެ ތިން މީހުންގެ ތެރެއިން އެކަކު ޕީއެޗްޑީ ކޯސް ފަށާފައިވަނީ އެ ކޯސް ގަބޫލު ކުރާނެކަމުގެ ލިޔުމެއް އެމްކިއުއޭއިން ދޫކުރުމުން ކަމަށްވާތީ، އެ ކޯހުގެ ސެޓްފިކެޓް ގަބޫލު ނުކުރުމުން އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ، އޭގެ ބަދަލު އެމްކިއުއޭއިން އެ މީހާއަށް ދޭން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް ދެން ތިބި ދެ މީހުންނަށް އެފަދަ ލިޔުމެއް ދޫކޮށްފައި ނުވާތީ އެ މީހުންނަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައިވަނީ، އެ ތިން މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ބަދަލު ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ތިން ވަނަ މީހާއަށް ބަދަލު ދޭންޖެހޭތީ ބަދަލުގެ މިންވަރު ކަނޑައެޅުމަށް އަލުން ސިވިލް ކޯޓަށް ފޮނުވާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.


