ތަކުރާރުކޮށް ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރުމުން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި
22 ޖޫން 2026 - 05:52

އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި، އެމް.ކިއު.އޭ އިން އެ ކޮލެޖު ޖޫރިމަނާކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ބުނީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިޢުލާނުކޮށްފައިވާނެ ކަމަށެވެ.

Ad by Hajj Corporation
ނަމަވެސް، އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި،
މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރަށް އެމް.ކިއު.އޭ އިން ބުނީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
ވުމާއެކު، އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެމް.ކިއު.އޭ އިން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.


